އައިފޯން ހައެއް، އެސް ނިކުތީ މާބޮޑު ބަދަލް ތަކެއް ނެތި އެވެ. ފޯސް ޓަޗް ހިމެނޭނެ ކަމަށް ބެލެވުނަސް ލިބިގެން ދިޔައީ 3ޑީ ޓަޗެވެ. އައިފޯން ހައެއްގެސިފަޔަށް އެއްވެސް ބަދަލެއް އައިސްފައެއް ނެތެވެ. އެތެރޭގެ ހާޑްވެއާ ކޮންމެވެސް ވަރަކަށް ބަދަލް ވިޔަސް ބޭރަށް ފެންނަނީ ހަމަ އައިފޯން ހައެއްގެ ސިފައިގަ އެވެ.
އެހެން ކަމުން އައިފޯން ހަތެއްގެ ސިފަ އަނެއްކާވެސް ބަދަލު ކުރަން މިވަނީ ފައި ވިއްދާފައެވެ. އެގޮތުން ފޯނު ތުނި ކުރާނެ ކަން ވަނީ ޔަޤީންވެފައެވެ. އެކަން ކުރުމަށް، ހެޑްފޯން ގުޅަން އިންނަ 3.5 އެމްއެމް ގެ ޕޯޓް ދެން ނިކުންނަ އައިފޯން ހަތެއްގައި ނުހިމެނޭނެ އެވެ. އޭގެ ބަދަލްގައި މިހާރު ފޯނު ޗާޖު ކުރަން ބޭނުން ކުރާ ޕޯޓުން ހެޑްސެޓް ވެސް ބޭނުން ކުރެވޭނެއެވެ.
ދެން ނުކުންނަ އައިފޯން ހަތެއް ބޮޑަށް ހާއްސަވާނީ ބްލޫޓޫތު ހެޑްސެޓް ތަކަށެވެ. ނުވަތަ ބޮަޑަށް ބާރު އަޅާނީ ވަޔަލެސް ހެޑްސެޓް ބޭނުން ކުރުމަށެވެ. ހެޑްސެޓް ގުޅާ 3.5 އެމްއެމްގެ ޕޯޓް ދޫކޮށްލުމުގެ އަނެއް ސިއްރަކީ ދެން ނިކުންނަ އައިފޯނަކީ އެއްވެސް ވަރަކަށް ފެން ނުވަންނަ ފޯނަކަށް ހެދުމެވެ. މިހާރު ބޭނުން ކުރަމުން މިދާ އައިފޯން ހަޔެއް އެސް އަކީ ވެސް 98 ޕަަސެންޓް ފެން ނުވަންނަ ފޯނެކެވެ. އެ ވާހަކަ އެޕަލް ކުންފުނިން އިއުލާން ކޮށްފައި ނުވަނީ ފޯނަށް ދޭންޖެހޭ އެއް އަހަރުދުވަހުގެ ވޮރެންޓީގެ ސަބަބުންޏެވެ.
އެހެން ނަމަވެސް ދެން ނުކުންނަ އައިފޯން ވެގެން ދާނީ ރަސްމީކޮން ފެންނުވަންނަ ފޯނަކަށެވެ. އަދި މީގެ އިތުރުންވެސް ގިނަ ޖާދޫ ތަކެއް ދައްކާނެ ފޯނެއް ކަމަށް އައިފޯންގެ ހަބަރުތައް ގެނެސްދޭ މެކްރޫމާސް އަދި އެންގެޖެޓް ފަދަ ވެބް ސައިޓް ތަކުން މިހާރުވެސް ދަނީ ބުނަމުންޏެވެ.
ދެން އޮތީ އަންނަ އަހަރު މެދެއްހާ ހިސާބުގައި ނެރޭނެ ކަމަށް ބުނާ އައިފޯން ހަތެއް ލިބޭނެ އިރަކަށް އިންތިޒާރް ކުރުމެވެ. އެޕަލް ކުންފުނީގެ ފޮނިކަމުން އެމީހުން ނެރޭ އެއްވެސް އައި ފޯނެއް އަދި އެހެން އާލާތެއްގެ މައުލޫމާތެއްވެސް ކުރިޔަކުން އިއުލާނު ކުރުމެއް ނޯވެ އެވެ. ހަމަ އެކަނި ކުރާހާވެސް ކަމަކީ އަމިއްލައަށް ކޮންމެވެސް މޮޅުވާހަކަ އެއް ލީކު ކޮށްލުމެވެ. އައިފޯން ހައެއް އެސްގެ ގިނަ ފޯން ތައް ހިފައިގެން އުޅުމެކޭ އައިފޯން ހައެއް ގެންގުޅުމެކޭ ތަފާތެއް ނެތެވެ. އެހެން ކަމުން ސަޅި ދައްކާލުމަށް އައިފޯން ހައެއް، އެސް ގަނެގެން އުޅޭ ގިނަ ބަޔަކު ދަނީ އައިފޯން ހަތެއް ނިކުންނާނެ އިރަކަށް އިންތިޒާރު ކުރަމުންޏެވެ.