ރައީސް މުހައްމަދު ނަޝީދު

އެލެކްސްއަކީ ރައީސް ނަޝީދު ކަމަށް އިއުތިރާފްވެ ވަޑައިގެންފި

ޓުވިޓާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެންގުޅުއްވާ ކަމަށް އަޑުފެތުރިފައި އޮންނަ "އެލެކްސް އަހުމަދު" ގެ އެކައުންޓަކީ އަމިއްލަފުޅު އެކައުންޓެއް ކަަމަށް ރައީސް މުހައްމަދު ނަޝީދު މިއަދު އިއުތިރާފުވެ ވަޑައިގެންފި އެވެ.

ރައީސް ނަޝީދު އެ އިއުތިރާފު ދެއްވީ ނޫސްވެރިޔަކު އެ އެކައުންޓާ ގުޅުވައި ސުވާލެއް ކުރިމަތި ކުރުވުމުންނެވެ.
ނަޝީދު ވިދާޅުވީ "އެލެކްސް އަހުމަދު" އެކައުންޓަކީ އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓެއް ކަަމަށާއި ނަމަވެސް އެ އެކައުންޓުން އެމަނިކުފާނު ކުރައްވާ ޓުވީޓްތަކަކީ އެމަނިކުފާނު ރަސްމީކޮށް ވިދާޅުވާ ބަސްފު ޅުކަމަށް ބަލައިގަންނަން ނުޖެހޭ ކަަމަށެވެ.

ރައީސް ނަޝީދުގެ އެ އެކައުންޓް މި މަހުގެ ހަވަނަ ދުވަހުން ފެށިގެން ވަނީ "އެމްއެން އަންއޮފިޝަލް" މި ނަމަށް ބަދަލުކޮށްފަ އެވެ.

އެމަނިކުފާނު ވިދާޅުވީ އެ އެކައުންޓުން އާންމު ގޮތެއްގައި ކުރައްވާފައި ހުންނާނީ ތާރީހީ އަދި ސަގާފީ ކަންކަމާ ގުޅޭ ޓުވީޓުތައް ކަމަށެވެ. އެހެން ނަަމަވެސް ބައެއް ފަަހަރު ބަހުސެއްގެ ތެރެއިން އެ މަނިކުފާނު ބައިވެރިވާން ބައެއް މީހުން އެދޭތީ ސިޔާސީ ޓުވީޓުތައް ވެސް ކޮށްފައި ހުންނާނެ ކަމަށެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވި ނަމަވެސް ސިޔާސީ ފާޑު ކިޔުމާއި ހަޖޫ ހިމެނޭ ޓްވީޓްތައް ވެސް ވަރަށް ގިނައިން އެ އެކައުންޓުން ކޮށްފައި ހުރެ އެވެ. އަދި ބައެއް ފަހަރު ވަރަށް ބޭ އަދަބީ ބަހުން ޓުވީޓު ކުރައްވައިފައިވާ އިރު ރާއްޖޭގައި ތިއްބަވާ ބޭރުގެ ސަފީރުންނާ ވެސް އެކަށީގެންނުވާ ގޮތަށް މުއާމަލާތް ކޮށްފައި ހުރެ އެވެ.

"އެލެކްސް އަހުމަދު" ގެ ނަމުގައި ޓުވިޓާ އެކައުންޓެއް ގެންގުޅޭކަމަށް ރައީސް ނަޝީދު އެއްބަސްވެ ވަޑައިގެންނެވި އިރު އެމަނިކުފާނުގެ ނަމުގައި އެހެން ފޭކް އެކައުންޓްތައް ވެސް ހުރެ އެވެ.