މަސްތުވާތަކެތި

ހ. ތިމާވެށީގައި ބަނގުރާ ބޮއި މާރާމާރީ ހިންގި ބަޔަކު ހައްޔަރުކޮށްފި

މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ގެ، ހ. ތިމާވެށީގައި އޭނާގެ އާއިލާގެ މެންބަރުންތަކަކާއި އިތުރު ބަޔަކު ބަނގުރާ ބޮއެ މަސްތުވެ، އެއްބަޔަކު އަނެއް ބަޔަކަށް މާރާމާރީ ހިންގައިފި އެވެ.

މި ހާދިސާ އެ ގޭގައި ހިނގި ނަމަވެސް ޖާބިރާއި އަނބިކަނބަލުން ދިޔާނާ ސައީދު ދިރިއުޅުއްވަނީ އެގެއަކު ނޫނެވެ.

  • ތިމާވެށިން ބަނގުރާގެ ބާވަތްތައް ފެނުނު
  • ހައްޔަރު ކުރި މީހުންގެ ތެރޭގައި ޖާބިރުގެ ދެކޮއްކޮ ހިމެނޭ
  • މާރާމާރީގައި އަނިޔާވި މީހަކު ވެސް ހައްޔަރު ކުރި

އަވަސް އަށް ކަށަވަރުވެފައިވާ ގޮތުގައި ރޭ ފަތިހު އެގޭގެ ތެރެއަށް ބަނގުރާ ވައްދައި އެގޭގެ ތެރޭގައި ބަނގުރާ ބޮއެ މަސްތުވެގެން އެއްބަޔަކު އަނެއް ބަޔަކަށް މާރާމާރީ ހިންގައިގެން ފުލުހުން ވަނީ ފަސް މީހަކު ރޭ ފަތިހު ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ޖާބިރުގެ ދެ ފިރިހެން ކޮއްކޮވެސް ހިމެނެ އެވެ. ދެން ތިބި މީހުންގެ ތެރޭގައި ހިމެނެނީ ބޭރުން އެގެއަށް ގެނައި ބައެކެވެ. ނަމަވެސް އެއީ ކޮން ބައެއް ކަމެއް ސާފެއް ނުވެއެވެ. މި މީހުންގެ ތެރޭގައި އަންހެނަކު ނުހިމެނެ އެވެ.

އެގޭގެ ތެރެއިން ފުލުހުން ހޯދާފައި ވަނީ ނުކަނޑާހުރި 24 ބަނގުރާ ފުޅިއާއި ދެ ތަށި ބަނގުރާ އެވެ. އަދި އެގޭތެރެއިން ހައްޔަރު ކުރި މީހުންގެ ތެރެއިން އެކަކަށް އަނިޔާވެފައިވާއިރު އޭނާ ވެސް މިވަގުތު އިނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް އޭނާއަށް ލިބުނު ޒަހަމްތައް ސީރިއަސްއެއް ނޫނެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ ރޭ ފަތިހު 5:50 ގައި ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން ހެންވޭރު ގެއެއްގެ ތެރޭގައި ބަނގުރާ ބައެ މަސްތުވެގެން މާރާމާރީ ހިންގި ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެ ހާދިސާ ބަލައި ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަވަސް އަށް އެނގިފައިވާ ގޮތުގައި މިވަގުތު ވެސް ފުލުހުން ގެންދަނީ އެގޭތެރޭގައި ހަރަކާތެތެރި ވަމުންނެވެ.

ފެބުުއަރީ 15، 2014 ގައި ވެސް ޖާބިރުގެ ގެ، ހ. ތިމާވެށި ފުލުހުން ބަލައި ފާސްކޮށް މަސްތުވާތަކެއްޗާ އެކު ތިން މީހަކު ހައްޔަރު ކުރި އެވެ.