އެމްޑަބްލިއުއެސްސީ

ހަ ލައްކަ ރުފިޔާގެ ފެން ބިލަކީ ފޭކެއް

ހިޔާގެ އެޕާޓްމަންޓަކަށް ހަ ލައްކަ ރުފިޔާގެ ފެން ބިލެއް ފޮނުވާފައިނުވާނެ ކަމަށް ފެން ކުންފުނިން ބުނެފި އެވެ.

ކުރީ ސަރުކާރުން ހުޅުމާލެ ދެވަނަ ފޭސްގައި ތަރައްގީ ކޮށްފައިވާ ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފަށާފައިވާއިރު އެއް އެޕާޓްމަންޓަށް ހަ ލައްކަ ރުފިޔާގެ ފެންބިލެއް ފޮނުވާފައިވާ ކަމަށް ބުނެ އެ ބިލްގެ ސްކްރީންޝޮޓްތަކެއް ބަޔަކު ދަނީ ދައުރު ކުރަމުންނެވެ.

އެކަމާއި ގުޅިގެން ދިވެހިންގެ ފެން ކުންފުނި އެމްޑަބްލިއުއެސްސީ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ހިޔާގެ ފްްލެޓް ލިބުނު މީހުންގެ ނަމަށް ފެން މީޓަރު ބަދަލުކޮށް ބިލު ކުރަމުންދާ ކަމަށާ ފެން ބިލު އާދަޔާ ހިލާފަށް ބޮޑުކަން ފާހަގަ ކުރެވޭނަމަ އެ ފްލެޓެއްގެ ވެރިފަރާތާ ގުޅާ އެކަން ސަމާލު ކަމަށް ގެންނަމުންދާ ކަމަށެވެ.

ފްލެޓްތަކުގެ ރީޑިން ނަގާ ބިލު ކުރަން ފަށާފައިވީނަމަވެސް އާދަޔާ ހިލާފަށް ފެން ބިލް ބޮޑު އެޕާޓްމަންޓްތަކަށް ބިލް ކޮށްފައިނުވާނެ ކަމަށްވެސް ބުންޏެވެ. އަދި މިހާރު ދައުރުވަމުންދާ ހަ ލައްކަ ރުފިޔާ އަރާފައިވާ ފެން ބިލަކީ އެ ކުންފުނިން ފޮނުވި އެ ކުންފުނީގެ ބިލެއް ނޫން ކަމަށްވެސް ބުންޏެވެ.

އެމްޑަބްލިއުއެސްސީ އިން ވަނީ ފެން ބިލުގައި މައްސަލައެއް އުޅޭނަމަ 105 ގުޅައިގެން އެކަން ހިއްސާ ކުރުމަށް އެދިފައެވެ.