މޯލްޑިވްސް ޕޮލިސް ސާވިސް

ޖިންސީ ގޯނާގެ ތުހުމަތު އޮތް ބޮޑުބޭބެ ހައްޔަރުކޮށްފި

އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކަށް އޭނާގެ ބޮޑު ބޭބެ ޖިންސީ ގޯނާ ކުރި މައްސަލާގައި މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ދެންމެ ބުނީ 37 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެއީ ދިވެހި ފިރިހެނެއް ކަމަށް ބުނުން ފިޔަވައި އިތުރު ތަފްސީލެއް ނުދެއެވެ.

މިއީ ނ އަތޮޅުގެ ރަށެއްގައި ހިނގާދިޔަ ކަމެކެވެ. މީގެ ފަސް ދުވަސް ކުރީން ފެށިގެން އެކަން އެނގި ކަމާބެހޭ އިދާރާތަކަށް މައްސަލަ ހުށައެޅި ނަމަވެސް އެކަށީގެންވާ ފިޔަވަޅެއް އަޅާފައި ނެތް ކަަމަށް އާއިލާއިން ބުނެފައިވަނިކޮށް ފުލުހުން ބުނީ ނޯތް ޕޮލިސް ޑިވިޝަން -- ނ، ރ، ބ، ޅ -- ގައި ހިމެނޭ ރަށެއްގައި އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މި މަހުގެ 12 ވަނަ ދުވަހު ފުލުހަށް ހުށައަޅާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން މިއަދު މެންދުރު ފަހުން ފެށިގެން ނޫސްވެރިން ގެންދިޔައީ ޖެންޑާ މިނިސްޓްރީއާ ސުވާލު ކުރަމުންނެވެ. ނަމަވެސް ޖަވާބެއް ނުދީ ތިބުމަށް ފަހު މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ މައްސަލަ ހުށަހެޅުމާއެކު ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ކަމަށާ އަދި ކުއްޖާގެ ރައްކާތެރިކަން މިހާރު ވަނީ ކަށަވަރު ކުރެވިފައި ކަމަށެވެ.

އަދި ހުށަހެޅުނު މައްސަލައިގައި ގުޅުންހުރި އިދާރާތަކާއެކު ޖެންޑާ މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"މައްސަލަ އާއި ގުޅިގެން މީހަކު ހައްޔަރު ކުރަން ޖެހޭނަމަ އެކަން ނިންމާނީ ފުލުހުންނެވެ،" ޖެންޑާގެ މެސެޖްގައިވެއެވެ.