ބޮލީވުޑް

"ސަރްދާރް އުދަމް" ސްކްރީނިންގައި ވިކީ އާއި ކެޓުރީނާ

ވިކީ ކޯޝަލްގެ އާ ފިލްމު "ސަރްދާރް އުދަމް" މިދިޔަ ހުކުރު ދުވަހު ރިލިޒް ކޮށްފައި ވަނީ އޯޓީޓީ ޕްލެޓްފޯމެއް ކަމަށްވާ އެމެޒޯން ޕްރައިމް އިންނެވެ. ނަމަވެސް ވިކީ ވަނީ އޭނާގެ އިންޑަސްޓްރީގެ އެކުވެރިންނަށް ހާއްސަކޮށް ފިލްމު ދައްކާލަން ސްކްރީނިން އެއް ބާއްވާފަ އެވެ.

މި ފިލްމު ބަލާލަން ދިޔަ މީހުންގެ ތެރެއިން ގިނަ ބަޔަކަށް އެންމެ ފާހަގަ ކުރެވުނީ ކެޓުރީނާ ކައިފެވެ. ވިކީ އާއި ކެޓުރީނާގެ ލޯބީގެ ވާހަކަތަކާއި ކައިވެނި ކުރަން އުޅޭ ކަމުގެ އަޑުތައް ގަދަވެފައި ވާތީ އެވެ. ފިލްމު ބަލާލަން ދިޔަ ތަރިންގެ ތެރެއިން ދެން އެންމެ ފާހަގަ ކޮށްލެވުނީ ސިދާރްތު މަލްހޯތުރާ އާއި ކިއާރާ އަދުވާނީ އެވެ. މި ދެ އެކްޓަރުން ވެސް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ ޚަބަރުތައް ފެތުރިފައި ވިޔަސް މީޑިއާގައި އެ ކަމަށް އެއްބަހެއް ނުވެ އެވެ.

މިދިޔަ އޮގަސްޓް މަހު ބޭއްވި ކިއާރާ އާއި ސިދާރްތުގެ "ޝޭރްޝާހް" ގެ ސްކްރީނިން އަށް ވެސް ވިކީ އާއި ކެޓުރީނާ އެކުގައި ދިޔަ އެވެ.
މި ދެ މީހުންގެ ލޯބީގެ ވާހަކަތައް ފެށުނީ އިންޑިއާ ލޮކްޑައުން ކޮށްފައި އޮތްއިރު ކެޓުރީނާގެ ގެއަށް ވިކީ މާ ގިނަގިނައިން ދާތަން ފެނިގެނެވެ. ފަހުން މި މީހުން އެންގޭޖްވީ ކަމުގެ ޚަބަރުތައް ވެސް ފެތުރުނެވެ. ނަމަވެސް ވިކީގެ އާއިލާއިން ބުނަނީ އެފަދަ ކަމެއް ނުހިނގާ ކަމަށެވެ.

ސޫޖިތު ސަރްކާރް ޑައިރެކްޓް ކޮށްފައިވާ "ސަރްދާރް އުދަމް" އަކީ އިންޑިއާގެ ތާރީހުގައި މަޝްހޫރު ހަނގުރާމަވެރިއެއް ކަމަށްވާ ސަރްދާރް އުދަމް ސިންގްގެ ބައޮޕިކް އެކެވެ. މި ފިލްމު ބެލި ގިނަ ބަޔަކު ބުނަނީ މި ރޯލު ވިކީއަށް ވުރެ މޮޅަށް އެހެން އެއްވެސް އެކްޓަރަކަށް ކުޅެވޭނެހެން ހީނުވާ ކަމަށެވެ. ފިލްމުގައި ވިކީ ކޮށްފައި ވަނީ އެވޯޑް ހައްގު މަސައްކަތެއް ކަމަށް ވެސް ފިލްމު ބެލި މީހުން ބުނެ އެވެ.

"ސަރްދާރް އުދަމް" އެންމެ ކުރިން ކުޅެން ހަމަޖެހިފައި ވަނީ އިރްފާން ހާނެވެ. އިރްފާން މަރުވުމުން ވިކީއަށް ފިލްމު ލިބުނީ އެވެ.