ފޮރިން މިނިސްޓްރީ

އޮސްޓްރޭލިއާގެ ޓްރޭޑް މިނިސްޓަރު ރާއްޖެ ވަޑައިގެންފި

Oct 17, 2021
1

އޮސްޓްރޭލިއާގެ ޓްރޭޑް، ޓޫރިޒަމް އެންޑް އިންވެސްޓްމެންޓް މިނިސްޓަރު ޑޭން ޓީހަން ރާއްޖެ ވަޑައިގެންފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާ އަށް މަރުހަބާ ދެންނެވީ ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލް އައިޝަތު ޝާން ޝާކިރާއި، ޖޮއިންޓް ސެކްރެޓަރީ ޝިއުނީނާ ރަޝީދެވެ.

ޑޭން ޓީހަން ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޚަލީލާ ބައްދަލުކުރައްވާ ދެ ގައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ވެސް ބާއްވާފަ އެެވެ.

ފޮރިން މިނިސްޓްރީގައި ކުރިއަށް ދިޔަ ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ އިގްތިސާދު، ވިޔަފާރި އަދި ތައުލީމާއި، ތިމާވެށީގެ ދާއިރާ އިން ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާ ކުރައްވާފަ އެވެ.

ކޮވިޑް 19 ކޮންޓްރޯލް ކުރުމަށް ދިވެހި ސަރުކާރުން ކުރި މަސައްކަތުގައި އޮސްޓްރޭލިއާ އެހީތެރިކަން ފޯރުކޮށްދީފައިވާތީ މިބައްދަލުވުމުގައި ހަލީލް ވަނީ އެކަން ފާހަގަކުރައްވާ، އޮސްޓްރޭލިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފަ އެވެ.

ދެ ގައުމު ގުޅިގެން އެކި ދާއިރާތަކުން ކުރިއެރުން ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ދެ ބޭފުޅުން ދެއްވާފައިވެ އެވެ.

އޮސްޓްރޭލިއާގެ ޓްރޭޑް މިނިސްޓަރު ޑޭން ޓީހަން ރާއްޖެއަށް ކުރައްވާ ދަތުރުފުޅާ ގުޅޭ ތަފްސީލް މައުލޫމާތު ތަކެއް ފޮރިން މިނިސްޓްރީން އަދި ހާމަކޮށްފައެއް ނުވެ އެވެ.