އިސްލާމިކް މިނިސްޓްރީ

ޕީއެސް ކަމުން ހަސީބު ވަކިކޮށްފި

އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) ހަސީބު އިސްމާއިލް އެ މަގާމުން ވަކިކޮށްފި އެވެ.

ހަސީބު އެ މަގާމުން ވަކިކުރި އިރު އޭނާ މަގާމުން ވަކި ކޮށްދޭން އެދި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިދިޔަ ޖެނުއަރީ މަހު އޮތީ ސިވިލް ސާވިސްއަށް ސިޓީއެއް ފޮނުއްވާފަ އެވެ.

އޭގެ ފަހުން އޭނާގެ މައްސަލަ ބެލުމަށް ފަހު ފުރަތަމަ ނިންމީ އޭނާ ވަކިކުރާނެ ޖާގައެއް ނެތް ކަަމަށެވެ. ނަމަވެސް ފަހުން މިނިސްޓްރީން އޭނާ ގިނަ ދުވަސްތަކަށް ސަސްޕެންޑްކޮށްފައި ބެހެއްޓުމަށް ފަހު މިދިޔަ އޯގަސްޓު މަހުގެ 15 އިން އޮފީހަށް ނުކުތުން އޮތީ މަނާ ކޮށްފަ އެވެ.

ސިވިލް ސާވިސްއިން ބުނީ ހަސީބު މަގާމުން ވަކިކުރީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ.

އިސްލާމިކް މިނިސްޓަރު ޒާހިރު މީގެ ކުރިން ވިދާޅުވި ގޮތުގައި އޭނާ ވަކިކުރަން ނިންމީ އޭނާ މުވައްޒަފުންނާ ވަރަށް ދަށް ފެންވަރެއްގައި މުއާމަލާތް ކުރުމާއި އަދި މުވައްޒަފުންނަށް ބިރު ދެއްކުމުގެ މައްސަލަތަކާ ގުޅިގެން ނެވެ.

ހަސީބު ޕީއެސްގެ މަގާމަށް އައްޔަން ކުރެއްވީ 2019 ވަނަ އަހަރު ނޮވެމްބަރު މަހު އެވެ.