އަބްދުﷲ ޝާހިދު

ސާބިތުވާންވީ އެންމެ ނާޒުކު ހާލަތުގައި ތިބި ރައްޔިތުނަށް އެހީވުމަށް: ޝާހިދު

ސާބިތުވާންވީ ދެމެހެއްޓެނިވި ގޮތެއްގައި ދުނިޔެއަށް ދިމާވެފައި ހީނަރުކަމުން އަރައިގަތުމަށާއި އެންމެ ނާޒުކު ހާލަތުގައި ތިބި ރައްޔިތުނަށް އެހީވުމަށް އދގެ އާންމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދު މިހެން ވިދާޅުވީ ފަގީރުކަން ނައްތާލުމާ ގުޅޭ ބައިނަލްއަގުވާމީ ދުވަހާއި ގުޅިގެން ދެއްވި ހާއްސަ މެސެޖެއްގައެވެ. ޝާހިދު ވިދާޅުވީ ދުނިޔޭގެ އެކިކަންކޮޅުގައި ތިބި 1.3 ބިލިއަން ފަގީރުންނާއި އިންތިހާ ފަގީރުކަމުގައި އުޅޭ 100 މިލިއަން މީހުންގެ ފަގީރުކަން 2030 ގެ ކުރިން ނައްތާލުމަށް ކުރަމުންދާ މަސައްކަތައް ކޮވިޑް-19 ގެ ބަލިމަޑުކަމާއި މޫސުމީ ބަދަލުތަކާއި ގުޅިގެން ދިމާވާ ދަތިތަކުގެ ސަބަބުން ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ.

އަދި ފަގީރުކަން ނައްތާލުމަށް މިހާތަނަށް ކުރެވުނު މަސައްކަތް ދަމަހައްޓައި ކޮވިޑް-19 ގެ ސަބަބުން ދިމާވި ހީނަރުކަމުން އަރައިގަތުމަށް އެންމެން ގުޅިގެން އިތުރަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ތައުލީމާއި ސައިންސް އަދި އިގްތިސާދުގެ ފަދަ ވަޒީފާގެ ފުރުސަތުތަށް ހިމެނޭ އަދި އެކަމުގައި ފަހުރާއި ގަދަރު ހިމެނޭ ދާއިރާތަކުގެ މިންގަޑުތަކާއި ފުރުސަތުތަށް ފަހިކޮށް ފަގީރުކަން ނައްތާލުމަށް ކުރެވޭ މަސައްކަތަށް ކުރިމަތިވި އުނދަގޫތަކުން އަރައިގަނެ އިތުރު މަސައްކަތް ކުރުމުގައި ދެމިތިބެން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

"ފަގީރުކަމާއި ދެކޮޅަށް ކުރެވޭ ދެމެހެއްޓެނިވި މަސައްކަތަށް ބޭނުން ވަނީ ގައުމުތަކުން ކޮވިޑް-19 ގެ ފަހުން ތަފާތު އިގްތިސާދަކަށް ތައްޔާރުވެ އައު ވިޔަފާރިއާއި ދާއިރާތަކަށް ފައިސާ އާއި މަސައްކަތްތެރިންނާއި ހުނަރާއި އައު ކަންކަން ފަހިކޮށްދިނުން. ފަގީރުކަން ނައްތާލުމާ ގުޅޭ ބައިނަލްއަގުވާމީ ދުވަސް ފާހަގަކުރާއިރު އަޅުގަނޑުމެން ސާބިތުވާންވީ ސާފު ފެހި އަދި ދެމެހެއްޓެނިވި ގޮތެއްގައި ދުނިޔެއަށް ދިމާވެފައި ހީނަރުކަމުން އަރައިގަތުމަށާއި އެންމެ ނާޒުކު ހާލަތުގައި ތިބި ރައްޔިތުނަށް އެހީވުމަށް،" ޝާހިދުގެ މެސެޖްގައި ވިދާޅުވެފައިވެއެވެ.