ހަބަރު

މާވެޔޮ މިސްކިތް ހުރިތަނުގައި 1،000 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަނީ

މާވެޔޮ މަގުގައި ހުންނަ ބަހާއުއްދީން މިސްކިތް ތަޅާލުމަށްފަހު އަމިއްލަ ފަރާތަކުން އެތަނުގައި މުޅިން އާ މިސްކިތެއް އަޅައިދޭން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީ އިން ބުނީ ހެޔޮ އެދޭ އަމިއްލަ ފަރާތަކުން ތިން ބުރީގެ އާ މިސްކިތެއް އަޅަން ހަމަޖެހިފައި ވާތީ އެ މިސްކިތް އިއްޔެ އިން ފެށިގެން ބަންދުކޮށްފައިވާ ކަމަށެވެ. އަދި އެ މިސްކިތް ތަޅާލައި އެ ބިން ސާފުކޮށް އާ މިސްކިތުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް މިނިސްޓްރީ އިން ބުންޏެވެ.

އެ މިސްކިތް ނިންމުމަށް ހަމަޖެހިފައި ވަނީ މަސައްކަތް ފަށާތާ އަހަރެއްހާ ދުވަހުގެ ތެރޭގަ އެވެ. އަލަށް ހަދާ މިސްކިތުގައި 1000 މީހުންނަށް ނަމާދުކުރެވޭނެ ކަމަށް މިނިސްޓްރީ އިން ބުންޏެވެ. މިހާރު ދެ ފްލޯއަކަށް ހުންނަ އެ މިސްކިތުގައި ނަމާދު ކުރެވެނީ 400-500 މީހުންނަށެވެ.