ސިވިލްސާވިސް ކޮމިޝަން

144 މީހުނާ އެކު ސިވިލް ސާވިސްގެ ފުރަތަމަ އިމްތިހާން ފަށައިފި

ސަރުކާރު ވަޒީފާތަކަށް ވަނުމަށް އެދޭފަރާތްތަކަށް ސިވިލް ސާވިސްކޮމިޝަނުން ދޭ ފުރަތަމަ އިމްތިހާން 140 އަށް ވުރެ ގިނަ މީހުންނާއި އެކު ފަށައިފި އެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އާއި ޑިޕާޓްމަންޓް އޮފް ޕަވްލިކް އެގްޒެމިނޭޝަނުން ކުރިޔަށް ގެންދާ އިމްތިހާން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީއެސްސީގެ ރައީސް ޑރ. އަލީ ޝަމީމް ވިދާޅުވީ އެކޮމިޝަނުން އަލަށް ބާއްވާ މިފަދަ އިމްތިހާނެއްގެ ބޭނުމަކީ ސަރުކާރުގެ ވަޒީފާ އަށް ވަންނަ މުވައްޒިފުންނަކީ މަސައްކަތުގެ މާހައުލަށް ބޭނުންވާ މުހިންމު ހުނަރުތައް ލިބިފައިވާ ގާބިލް ފަރާތްތަކެއްކަން ދެނެގަތުމަށް ކަމަށެވެ.

"އެގޮތުން މި އިމްތިހާން މިވަގުތު މާލޭގެ އިތުރުން އައްޑޫ ސިޓީ އަދި ފުވަމުލަކުގައި ވެސް ކުރިޔަށްދާނެ. މުޅިޔަކު 144 މީހުން އިމްތިހާނުގައި ބައިވެރިވެ" ޝަމީމް ވިދާޅުވި އެވެ. 

ޝަމީމް ވިދާޅުވީ އިމްތިހާނަށް އެކަށީގެންވާވަރު ބޮޑު ތަރުހީބު ލިބޭ ނަމަ، ސަރުކާރު ވަޒީފާތަކަށް އެ އިމްތިހާނު ހެދުމަކީ މަޖުބޫރު ކަމެއްގެ ގޮތުގައި ނިންމާނެ ކަމަށެވެ. އަދި މިހާރު މި ހަދާ އިމްތިހާނުން ރަނގަޅު ނަތީޖާ ލިބޭ ފަރާތްތައް ސަރުކާރު ވަޒީފާތަކަށް ވަނުމަށް އިންޓަވިޔު ކުރާއިރު އެކަމަށް ވަރަށް ބޮޑަށް ބަލާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.

ސީއެސްސީ އިން މީގެ ކުރިން ބުނެފައިވާ ގޮތުގައި އިމްތިހާނުގައި ކޮންމެ އުމުރެއްގެ މީހަކަށްވެސް ބައިވެރިވުމުގެ ފުރުސަތު އޮންނަ އިރު އަހަރަކު އެއްފަހަރު މި އިމްތިހާނު ބާއްވާ ގޮތަށް ހަމަޖެހިފައިވެ އެވެ. އަދި އިމްތިހާނުގައި ސްކޫލު ދަރިވަރުންނަށް ވެސް ބައިވެރިވުމަށް ފުރުސަތު ލިބޭނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.