ބޭރު ކުޅިވަރު

މޮޅު ކުޅުމަށް ވުރެ މުހިންމީ ތަށި ހޯދުން: މޮރީނިއޯ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި ސްވަންސީ އަތުން 5-0 އިން ޗެލްސީ މޮޅުވުމުން ޗެލްސީގެ ކޯޗު ޖޯސޭ މޮރީނިއޯ ޓީމަށް ތައުރީފްކުރި ނަމަވެސް، މޮޅަށް ކުޅެ، ތަފާތު ބޮޑު ނަތީޖާތަކެއް ނެރުމަށްވުރެ މުހިންމީ ތަށި ހޯދުން ކަމަށް މޮރީނިއޯ ބުނެފި އެވެ.

"މި މެޗުގައި ހުރިހާ ކަމެއް ވެސް ދިޔައީ އަހަރެމެން ބޭނުންވި ގޮތަށް،" މޮރީނިއޯ ބުންޏެވެ. "އެކަމަކު ތާރީހުން އަހަރެމެންނަށް ޖާގައެއް ލިބޭނީ ތަށި ހޯދައިގެން. އަަހަރެމެން ކިތަންމެ މޮޅަށް ކުޅުނަސް، އަހަރެމެން ތައްޓެއް ނުހޯދައިފި ނަމަ އެކަކު ވެސް އަހަރެމެން މަތިން ހަނދާނެއް ނުހުންނާނެ."

ސްވަންސީގެ ދަނޑުގައި ކުލުނު މެޗުން ޗެލްސީ ތަފާތު ބޮޑުކޮށް މޮޅުވީ ފުރަތަމަ ހާފުގައި ޑިއޭގޯ ކޮސްޓާ އާއި އޮސްކާ، ކޮންމެ ކުޅުންތެރިއަކު ޖެހި ދެ ލަނޑާއި ދެވަނަ ހާފުގައި އަންދްރޭ ޝޫލާ ޖެހި ލަނޑާއެކު އެވެ. މި މެޗުން މޮޅުވެ ތާވަލްގެ އެއްވަނައިގައި އޮތް ޗެލްސީން ވަނީ ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީގެ މައްޗަށް ފަސް ޕޮއިންޓްގެ ލީޑެއް ނަގައިފަ އެވެ.

އެކަމަކު ލީގުގައި މިރޭ އާސެނަލްއާ ދެކޮޅަށް ސިޓީ ކުޅޭ މެޗުން ސިޓީ މޮޅުވެއްޖެ ނަމަ، ޗެލްސީގެ ލީޑު އަނެއްކާ ވެސް ދެ ޕޮއިންޓަށް ކުޑަވާނެ އެވެ.

މޮރީނިއޯ ބުނީ ސްވަންސީ އަތުން ސިޓީ މޮޅުވި ނަމަވެސް، ސިޓީ އަށް އިތުރު ޕްރެޝަރެއް ކުރިމަތިވާނެ ކަމަށް ގަބޫލްނުކުރާ ކަމަށެވެ.

"ސިޓީ އަށް އެބަ އެނގޭ މެޗުން މޮޅުވެގެން ތަފާތު ކުޑަކުރެވޭނެކަން. ސިޓީ ކަހަލަ ތަޖުރިބާކަރު ކުޅުންތެރިން ގިނަ ޓީމަކަށް އެއީ މާބޮޑު މައްސަލައަކަށް ނުވާނެ،" މޮރީނިއޯ ބުންޏެވެ. -- ބީބީސީ