މިނިސްޓްރީ އޮފް އެޑިއުކޭޝަން

އަރަބި މީޑިއަމްގެ ސްކޫލެއް ހުޅުމާލޭގައި އަޅައިދޭން އެދިއްޖެ

Oct 19, 2021
2

އަރަބި މީޑިއަމަށް ހާއްސަކޮށްގެން ކިޔަވައިދޭ ސކޫލެއް ހުޅުމާލޭގައި އަޅައިދިނުމަށް އެދި އެޑިޔުކޭޝަން މިނިސްޓްރީ އަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

އަރަބިއްޔާ ސްކޫލުގެ ބަައެއް ބެލެނިވެރިންނާއި ހުޅުމާލޭގައި ދިރިއުޅޭ ބައެއް ރައްޔިތުން ހިމެނޭހެން 3،264 މީހުން ސޮއިކޮށްފައިވާ ޕެޓިޝަން މިއަދު ވަނީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާ ހަވާލުކޮށްފަ އެވެ.

މި ޕެޓިޝަންގެ ކޮޕީ ރައީސް އޮފީހާއި، އިސްލާމިކް މިނިސްޓްރީ އާއި، އެޗްޑީސީ އަދި ދީނީ ޖަމިއްޔާ ތަކަށްވެސް ހުށަހެޅުމަށް ނިންމާފައިވެ އެވެ.

މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އަރަބިއްޔާ ސްކޫލުގެ ޕީޓީއޭގެ ނައިބް ރައީސް ޔޫސުފް އަބްދުﷲ އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަރަބި މީޑިއަމްގެ ސްކޫލެއް ހުޅުމާލޭގައި އަޅައިދިނުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގައި މިނިސްޓަރު ވިދާޅުވި ކަމަށެވެ. އެހެންނަމަވެސް މިވަގުތު ދައުލަތުގެ ބަޖެޓުގެ ދަތިކަމެއް އުޅޭތީ ސަރުކާރުން ހަރަދުކޮށްގެން އެކަން ކުރަންޖެހޭނަމަ ލަސްތަކެއް ދިމާވެދާނެ ކަމުގައި ދެންނެވި ކަމަށްވެސް ވިދާޅުވި އެވެ.

"މިނިސްޓަރު ވިދާޅުވި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިހާރު ވެސް ސަރުކާރު ދެ ސްކޫލެއް އެޅުމުގެ މަސައްކަތް ކުރިއަށްދާތީ މިވަގުތު ސަރުކާރުން އިތުރު ސްކޫލެއް އަޅާނަމަ ލަސްތަކެއް ވެދާނެ ކަމަށް. އެކަމަކު އަޅުގަނޑުމެން އިންވެސްޓަރަކު ނުވަތަ ފައިސާ ހޯދައިގެން އައިސްފިނަަމަ އެކަން ވަރަށް އަވަހަށް ވެސް ފެށިދާނެ ކަމުގެ އުއްމީދު ދެއްވި،" ޔޫސުފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަރަބި މީޑިއަމްގެ ސްކޫލެއް ހުޅުމާލޭގައި އެޅުން މުހިއްމު ވަނީ އަރަބި ބަހުން މައިގަނޑު ހުރިހާ މާއްދާއެއްހެން ކިޔަވައިދޭތީ އާއި އިސްލާމީ ރިވެތި އާދަތަކާއި ރަނގަޅު ތަރުބިއްޔަތެއްގެ ކުދިންތަކެއް އެފަދަ ސްކޫލުތަކުން ނިކުންނާތީ އެވެ.

މީގެއިތުރުން ރާއްޖޭގައި އިނގިރޭސި މީޑިއަމަށް ކިޔަވައިދޭ ސްކޫލު ތަކުގެ ދަރިވަރުންގެ މެދުގައި ސްކޮލާޝިޕްގެ ވާދަވެރިކަން ބޮޑުވުމުން އެފަދަ ދަރިވަރުންނަށް ސްކޮލާޝިޕް ލިބުމުގައި ދަތިތަކެއް ހުރި ނަމަވެސް އަރަބި މީޑިއަމަށް ކިޔަވާ ދަރިވަރުންނަށް އެ ފުރުސަތު މިހާރު ވެސް ވަރަށް ފަސޭހަކޮށް އޮތުމަކީ އަރަބި މީޑިއަމަށް ކިޔަވައިދޭ ސްކޫލެއް ހުރުން މުހިިއްމު ސަބަބެއްގެ ގޮތުގައި ޔޫސުފް ފާހަގަކުރެއްވި އެވެ. ރާއްޖޭގެ 35 ދަރިވަރަކު ސްކޮލާޝިޕް ފުރުސަތުގައި މިވަގުތު މިސްރުގައި ކިޔަވަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

"އަރަބި މީޑިއަމަށް ކިޔަވާ ކުދިން މަދުވެފައި ލިބޭ ސްކޮލާޝިޕް ގިނަވެފައި މިވަނީ. އެހެންވެ އަރަބި މީޑިއަމް ސްކޫލެއް އެޅުން އަވަސް ކުރަން އަޅުގަނޑުމެން މި މަސައްކަތް ކުރަނީ،" ޔޫސުފް ވިދާޅުވި އެވެ.

ރާއްޖޭގައި މިވަގުތު އަރަބި މީޑިއަމަށް ކިޔަވައިދޭ ހަމައެކަނި ސްކޫލަކީ އަރަބިއްޔާ ސްކޫލެވެ.