ރައީސް މުހައްމަދު ނަޝީދު

ސަރުކާރުން ބުނި ވަރަށް ބިލު ފޮނުވާނެކަމުގެ ޔަގީންކަމެއް ނެތް: ނަޝީދު

ސަރުކާރުން ވައުދުވި މިންވަރަށް ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރުގައި ބިލުތައް މަޖިލީހަށް ފޮނުވާނެ ކަމުގެ ޔަގީންކަން ނެތް ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދު މަޖިލީހުގެ ރިޔާސަތު ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ މި ދައުރުގައި 32 ބިލެއް ފޮނުވާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް އަދި މިހާތަނަށް ލިބުނީ ހަަތަރު ބިލު ކަމަށާއި ބާކީ ހުރި ބިލުތައް މި ދައުރުގައި ލިބޭނެ ކަމުގެ ޔަގީންކަން ނެތް ކަަމަށެވެ.

މި ދައުރުގައި ސަރުކާރުން ހުށަހެޅި ބިލުތަކުގެ ތެރޭގައި މަދަނީ އިޖުރާތުގެ ބިލާއި ހެއްކާބެހޭ ބިލު ހިމެނެ އެވެ. ރައީސް ނަޝީދު ވިދާޅުވި އެ ދެ ބިލުގެ މަސައްކަތް ޖުޑިޝަރީ ކޮމިޓީގައި ކުރިއަށްދާ ކަމަށެވެ. ނަމަވެސް އިތުރު ބިލުތައް ސަރުކާރުން ނުފޮނުވާތީ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

"މަޖިލީހުގެ ތަޅުމުގައި މަސައްކަތް މަދުވަމުން ދަނީ، އެހެންވީމާ މިއަދު ވެސް އަޅުގަނޑަށް ފެންނަތަނުގައި މަޖިލިސް ކުރިއަށް ނިމޭނެ" ރައީސް ނަޝީދު ވިދާޅުވި އެެވެ.

ސަރުކާރުން ބިލުތައް ނުފޮނުވާތީ މަޖިލީހުގައި ކުރާނެ މާބޮޑު މަސައްކަތެއް ނެތް ކަމަށް މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ މިމަހުގެ ކުރީކޮޅު ވެސް ވިދާޅުވި އެވެ. އެކަަމަނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިވަގުތު ކުރާނެ މާބޮޑު ބަހުސެއް ނެތް ކަަމަށާއި މަޖިލީހުގެ ގިނަ މަސައްކަތްތައް ހުރީ ކޮމިޓީ ތަކުގައި ކަމަށެވެ.