އަބްދުﷲ ޝާހިދު

ފެން ފޯރު ކޮށްދޭން ބައިނަލްއަގްވާމީ އެހީއަށް

Oct 20, 2021
2

ސާފު ބޯފެނާއި ސާފުތާހިރުކަން ލިބުމުގެ ހައްގު ނިގުޅައިގަނެފައިވާ މުޖުތަމައުތަކަށް ވަސީލަތްތަކާއި ގާބިލްކަން އިތުރު ކުރުމަށް ކުރެވޭ މަސައްކަތްތަކުގއި ބައިނަލްއަގްވާމީ މުޖުތަމައުން އެއްބާރުލުން ދިނުމަށް އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގޮވާލައްވައިފި އެވެ.

ހަތަރުވަނަ ގްލޯބަލް ވޯޓާ އޮޕަރޭޓާސް ޕާޓްނާޝިޕްސް ކޮންގްރެސްގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ ދިރިހުރުމަށް ފެން ބޭނުންވާއިރު އެކަށީގެންވާ ސާފު ބޯފެނާއި ސާފުތާހިރުކަން ލިބުމަކީ އިންސާނީ އަސާސީ ހައްގެއް ކަމަށް ގަބޫލުކުރަންޖެހޭ ކަމަށެވެ.

ޔުނިސެފްގެ ތަފާސްހިސާބުތަކާ ހަވާލާދީ ޝާހިދު ވިދާޅުވީ 450 މިލިއަން ކުޑަކުދިން ހިމެނޭ ގޮތުން ދުނިޔޭގެ އެކި ސަރަހައްދުތަކުގައި 1.42 ބިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅެނީ އެކަށީގެންވާ ގޮތެއްގައި ފެން ނުލިބި ކަމަށެވެ.

"މާނަ އަކީ ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ކޮންމެ ފަސް ކުއްޖަކުން އެއް ކުއްޖަކަށް އެކުދިންގެ އަސާސީ ބޭނުންތައް ފުއްދުމަށް ބޭނުންވާ މިންވަރަށް ފެން ނުލިބޭ ކަން. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ފެނާ ގުޅުން ހުރި ނުރައްކާތަކުގެ ސަބަބުން އެތައް މިލިއަން ބަޔަކު ގެދޮރު ދޫކޮށް އެހެން ހިސާބުތަކަށް ހިޖުރަކުރަން ޖެހޭކަން މިއީ ގަބޫލުކުރަންޖެހޭ ހަގީގަތެއް،" ޝާހިދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ފެނުގެ ދަތިކަން ހުރި ގޭބިސީތަކުގެ 80 އިންސައްތަ ގޭބިސީގައި ފެން ނެގުމުގެ ޒިންމާ އުފުލަނީ އަންހެނުންނާއި އަންހެން ކުދިން ކަމަށާއި ކޮންމެ ދުވަހަކު 200 ގަޑިއިރު އެމީހުން އެ މަސައްކަތުގައި ހޭދަކުރާ ކަމަށެވެ. އެކަމުގެ ތެރޭގައި ގިނަ ފަހަރަށް ދިގު ދަތުރުތައް ކުރުމާއި، ބަރުކޮށް އެއްޗެހި އުފުލުމާއި އަދި އަނިޔާގެ ނުރައްކާ އަންހެނުންނަށް ކުރިމަތިވާ ކަމަށެވެ. އެކަމުގެ ސަބަބުން އަންހެން ކުދިން ތައުލީމުން މަހުރޫމުވެ، އާމްދަނީ ހޯދުމުގެ ފުރުސަތުތައް ހަނިވަމުންދާ ކަމަށް ފާހަގަކުރެއްވި އެވެ.

"އެއްވެސް ހަމައެއްގައި މިކަމަކީ ރަނގަޅު ކަމެއް ނޫން. މިކަންކަމުން އަރައިގަންނަން މަސައްކަތްތަކެއް މިވަނީ ކުރަންޖެހިފައި،" ޝާހިދު ވިދާޅުވި އެވެ.