މާފަރު

މާފަރު ކައުންސިލުން ކަރަންޓް ކަނޑާލުމުން ހިދުމަތް ހުއްޓިއްޖެ

މާފަރު ކައުންސިލް އިދާރާއިން ކަރަންޓް ކަނޑާލުމުން ރައްޔިތުންނަށް އެ ކައުންސިލުން ދެމުން އައި ހިދުމަތްތައް ހުއްޓިއްޖެ އެވެ.

އެ ކައުންސިލުން ބުނެފައިވަނީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ބައެއް ތަންތަނުގެ ކަރަންޓް ބިލުތަކުގެ ތެރެއިން 202 ވަނަ އަހަރުން ފެށިގެން ފައިސާ ނުދެއްކި ހުރި ބިލްތަކުގެ ސަބަބުން ފެނަކަ މާފަރު ބްރާންޗުން ކައުންސިލާއި ޕްރީސްކޫލު އަދި ފުޓްސަލް ދަނޑުން ކަރަންޓް ކަނޑާލާފައިވާ ކަމަށެވެ.

ބިލްތަކަށް ދައްކަންޖެހޭ ފައިސާ ހޯދުމަށް ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭގައި ތަކުރާރުކޮށް އެދިފައިވާ ކަމަށްވެސް އެ ކައުންސިލުން ބުންޏެވެ. އަދި ބިލްތަކަށް ފައިސާ ނުދެއްކި ވަނީ ކޮވިޑްގެ ހާލަތާއި ގުޅިގެން ކައުންސިލްްގެ ބަޖެޓްގެ ބައެއް ސަރުކާރުން ހިފެހެއްޓުމުން ކަމަށެވެ.

ކައުންސިލުން ބުނީ ކައުންސިލް އިދާރާ އާއި ޕްރީ ސްކޫލް އަދި ދަނޑުން ކަރަންޓް ކަނޑާލި ނަމަވެސް އެ ތަންތަނުގެ ހުރިހާ ބިލެއް ދައްކާ ހަލާސްކޮށްފައިވާ ކަމަށެވެ. ނުދެއްކި ހުރީ ބަނދަރު އަަދި މަގުބައްތިތަކާއި މިސްކިތްތަކުގެ ބިލްތަކެވެ.

"ބިލްތައް ދައްކާ ކަރަންޓްގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުން މި ގެންދަނީ،" ކައުންސިލުން ބުންޏެވެ.

މާފަރުގެ ބަނދަރު އަަދި މަގުބައްތިތަކާއި މިސްކިތްތަކުގެ ބިލްތަކަކީ މިދިޔަ ދައުރުން ފެށިގެން ނުދެއްކި ހުރި ބިލްތަކެކެވެ. އެ ބިލްތަކަށް ކޮންމެ މަހަކުވެސް ވަކި އަދަދަކަށް ކައުންސިލުން ގެންދިޔައީ ފައިސާ ދައްކަމުންނެވެ. ނަމަވެސް ކުއްލި ގޮތަކަށް އެންގުމަށް ފަހު ކައުންސިލާއި ޕްރީސްކޫލު އަދި ފުޓްސަލް ދަނޑުން ކަރަންޓް ކަނޑާލާފައިވަނީ ފެނަކައިން އެދުނު ގޮތަށް އެ ކުންފުނީގެ އޮފީސް އިމާރާތް އެޅުމަށް މާފަރު ކައުންސިލުން ހަމަޖައްސައިދިން ބިން އެ ކުންފުނީގެ ނަމަށް ރަޖިސްޓްރީ ކޮށް ނުދިނުމުން ކަމަށް އެނގިފައިވެއެވެ.