ހަބަރު

ޝުމްބާގެ ބަންދު ތިން ވަނަ ފަހަރަށް އިތުރުކޮށްފި

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލުމަށް ރިއާސީ ލޯންޗަށް ދިން ހަމަލާގެ ތަހުގީގަށް ހައްޔަރުކޮށްފައިވާ އަހުމަދު އަޝްރަފް (ޝުމްބާ ގޮންގް) ގެ ބަންދުގެ މުއްދަތު ތިން ވަނަ ފަހަރަށް އިތުރުކޮށްފި އެވެ.

ޝުމްބާގެ ބަންދުގެ މުއްދަތު ތިން ވަނަ ފަހަރަށްވެސް އިތުރު ކޮށްފައިވަނީ ދޫނިދޫގައި ހަދާފައި ހުންނަ ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ ކޮޓަރިއަށް ހާޒިރުކޮށްގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. ޝުމްބާގެ ބަންދުގެ މުއްދަތު އިއްޔެ އިތުރުކޮށްފައި މިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އޭނާގެ ބަންދަށް ކޯޓުން ޖެހި 15 ދުވަސް ހަމަވުމުންނެވެ.

ސޯޝަލް މީޑިއާގައި ނައިބު ރައީސް އަހުމަދު އަދީބު ޕްރޮމޯޓްކުރުމަށް ވަރުގަދައަށް ކެމްޕޭން ކުރަމުން އައި ޝުމްބާ ހައްޔަރުކޮށްފައި ވަނީ ސްރީލަންކާގެ ވެރިރަށް ކޮލަމްބޯ އިންނެވެ. ޝުމްބާ ލަންކާ އިން ހައްޔަރުކުރިއިރު އޭނާ ގެންދިޔައީ އެންމެ ފަހު ވަގުތާ ޖެހެން ދެން ވެސް ޓްވިޓާގައި ސަރުކާރަށާއި ރައީސް އަބްދުﷲ ޔާމީނަށް ބޮޑެތި ތުހުމަތުތަކެއްކޮށް ފާޑުކިޔަމުންނެވެ.

އޭނާ ހައްޔަރު ކުރި މައްސަލާގައި ސްރީލަންކާ އާއި ރާއްޖެއާ ދެމެދު ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް ވެސް އުފެދުނެވެ.