ބޭރު ކުޅިވަރު

ވެންގާގެ ނަޒަރުގައި ޑިފެންޑަރެއް ނުހޯދުމަކީ އާސެނަލް އިން ނަގާ "ރިސްކެއް"

މި މަހުގެ ޓްރާންސްފާގައި އާސެނަލް އިން ޑިފެންޑަރެއް ނުހޯދުމަކީ އެ ކްލަބުން ނަގާ ވަރަަށް ބޮޑު "ރިސްކެއް" ކަމަށް އެ ޓީމުގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

އާސެނަލްގެ ޑިފެންޑަރުން ކަމަށްވާ ލޯރެން ކޮސިއެލްނީ އާއި މެތިއު ޑެބޫޗީ އާއި ކިއެރަން ގިބްސް އާއި ނާޗޯ މޮންރެއާލް އަށް މި ސީޒަންގައި ދިމާވި އަނިޔާގެ މައްސަލަތަކާއެކު އާސެނަލް އަށް ޑިފެންސްލައިންގައި މައްސަލަތަކެއް ކުރިމަތިވި އެވެ.

ވެންގާ ބުނީ ޖެނުއަރީގައި ޑިފެންޑަރެއް ނުހޯދިޔަސް އާސެނަލް އަށް މިހާރު އޮތް ސްކޮޑުން "ފުއްދާލެވޭނެ" ކަމަށެވެ. އެކަމަކު ޑިފެންޑަރެއް ނުހޯދައިފި ނަމަ، އެއީ އާސެނަލް އިން ނަގާ "ވަރަށް ބޮޑު ރިސްކެއް" ކަމަށެވެ.

"ދެން އެއް ކުޅުންތެރިއެއް ނުވަތަ ދެ ކުޅުންތެރިއަކަށް އަނިޔާވެއްޖެ ނަމަ އަހަރެމެންނަށް ވަރަށް ބޮޑު މައްސަލައެއް ކުރިމަތިވާނެ،" ވެންގާ ބުންޏެވެ.

ޑެބޫޗީ އަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާ އަށް ދެން ކުޅެވޭނީ ތިން މަސް ފަހުންނެވެ. އެހެންކަމުން އާސެނަލްގެ ސްކޮޑްގައި މިހާރު ފިޓުކޮށް ތިބީ ހަ ޑިފެންޑަރުންނެވެ.

"އެކަމަކު މިހާރު އަހަރެމެން ސްކޮޑްގައި ތިބި ޑިފެންޑަރުންނާއެކު އަހަރެމެންނަށް ފުއްދާލެވޭނެ،" ވެންގާ ބުންޏެވެ.

ވެސްޓް ހޭމްގެ ޑިފެންޑަރު ވިންސެންޓް ރީޑާއި ބޮރޫޝިއާ ޑޯޓްމަންޑްގެ މެޓް ހަމެލްސް އަށް އާސެނަލް އިން ޝައުގުވެރިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެ އެވެ.

ވެންގާ ބުނީ "ފެންވަރު ރަނގަޅު" ޑިފެންޑަރެއް ޖެނުއަރީ މަހުގެ ޓްރާންސްފާގައި ހޯދުމަކީ އުނދަގޫ ކަމެއް ކަމަށެވެ.

"މިހާރު ކުޅުންތެރިއަކަށް ޝައުގުވެރިކަން ފާޅުކުރިޔަސް، އެ ކުޅުންތެރިއެއް ކުޅޭ ކްލަބަކުން ބުނާނީ ހޫނޫ މޫސުމުގެ ޓްރާންސްފާގައި ވާހަކަ ދައްކަން މަޑުކުރާށޭ. އެއްވެސް ކްލަބަކުން ބޭނުމެއް ނުވާނެ ސީޒަންގެ މެދުތެރެއިން މުހިންމު ކުޅުންތެރިއެއް ދޫކޮށްލާކަށް،" ވެންގާ ބުންޏެވެ. -- ބީބީސީ