އެމްޑަބްލިއުއެސްސީ

ފެނުގެ ނިޒާމުތައް ބަލަހައްޓާނެ ގޮތް ދަސްކޮށްދޭން ކޯސްތަކެއް ފަށަނީ

ފެނުގެ ނިޒާމުތައް ހިންގާ ބަލަހައްޓަން ދަސްކޮށްދިނުމަށް ކޮލިފިކޭޝަން އޮތޮރިޓީ، (އެމްކިއުއޭ) އިން ގަބޫލު ކުރާ ދެ ކޯހެއް ހިންގުމަށް ނިންމައި އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

އެމެރިކާގެ ފަންނީ އެހީތެރިކަން ފޯރުކޮށްދޭ ގޮތަށް ކުރިއަށް ގެންދާ މި ކޯހުގައި ބައިވެރިންނަށް ތައުލީމް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީ އިން ނެވެ. އަދި މި ކޯހުގެ ބައިވެރިންނަށް އަމަލީ ތަމްރީނު ދޭނީ އެމްޑަބްލިއުއެސްސީގެ ފަންނީ ބޭފުޅުންނެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް އެންވަޔަރުމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް މަތީން ވިދާޅުވީ މިސަރުކާރުގެ އަމާޒަކީ ހަމައެކަނި ފެނުގެ ނިޒާމްތައް ގާއިމް ކުރުން ނޫން ކަމަށެވެ. އެފަދަ ނިޒާމްތައް ބެލެހެއްޓުމަށްވެސް ހާއްސަ އިސްކަމެއް ދޭ ކަމަށެވެ.

"ގާއިމްކޮށްފައި ހުންނަ ނިޒާމްތައް ބަލަހައްޓާ ދަމަހައްޓޭނެ މީހުން ތަމްރީނު ކުރަން މިޖެހެނީ ހަމައެކަނި އެނިޒާމްތައް ހިންގާ ބަލަހައްޓާކަށް ނޫން. މިކަންކަމުގެ ތެރެއިން ޒުވާނުންނަށް ފުރުސަތުތަކެއް ތަނަވަސްވެގެން އަންނަން ޖެހޭނެ. ދިވެހިންނަށް ވަޒީފާތަކެއް އިތުރުވެގެން އަންނަން ޖެހޭނެ." މަތީން ވިދާޅުވިއެވެ.

މަތީން ވިދާޅުވީ މިއީ ވަޒީފާގެ ފުރުސަތުތައް އިތުރުކުރެވިދާނެ ދާއިރާއެއް ކަމަށެވެ. މި ދާއިރާއަށް ތަމްރީނު ލިބިފައިވާ ޓެކްނީޝަނުން ބޭނުންވާ ކަމަށް ވެސް ވިދާޅިވި އެވެ.

މިރަސްމިއްޔާތުގައި ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އަލީ ފަވާޒް ޝަރީފް ވިދާޅުވީ މި ކޯސްތައް ކުރިއަށް ގެންދާނީ ދެ ފެކަލްޓީއަކުން ކަމަށެވެ. އަދި ކޯސްތައް ފަރުމާ ކުރުމަށް ފަހު އެމްކިއުއޭގެ އެޕްރޫވަލްއަށް ވަރަށް އަވަހަށް ހުށަހަޅާނެ ކަމަށް ވިދާޅުވި އެވެ. އެކަމަށް ކުރަން ޖެހޭ ހަރަދުތައް ޔޫއެސްއެއިޑުގެ ތެރެއިން ހަމަޖެހޭނެ ކަމަށް ވިދާޅުވި އެވެ.

ފަވާޒް ވިދާޅުވީ ޔުނިވަރސިޓީން އިސްކަންދެނީ ހައި ލެވެލްގެ ކޯސްތައް ކުރިއަށް ގެންދަން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިފަދަ ގައުމީ ކަންކަމުގައި ހައްލު ހޯދަންޖެހޭ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށްވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ޔޫއެސްއެއިޑުން ވެސް މިއަދު ވަނީ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ.