ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

އަދީބުގެ ޝަރީއަތަށް ތިން ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލައިފި

Dec 3, 2015

ކުރީގެ ނައިިބު ރައީސް އަހުމަދު އަދީބު ފިސްތޯލައެއް ގެންގުޅުއްވި ކަމަށް ބުނާ މައްސަލައިގައި އަދީބުގެ މައްޗަށް އުފުލާފައިވާ ޓެރެރިޒަމްގެ ދައުވާގެ ޝަރީއަތަށް ތިން ފަނޑިޔާރުންގެ ބެންޗެއް ކްރިމިނަލް ކޯޓުން އެކުލަވާލައިފި އެވެ.

ޕީޖީގެ އޮފީހުން ފޮނުވާފައިވާ އެ މައްސަލަ ކްރިމިނަލް ކޯޓަށް ބަލައިގެންފައިވާކަން ހާމަ ކުރައްވަމުން، އެ ކޯޓުން ބުނީ އަދީބުގެ މައްޗަށް ހުށަހަޅާފައިވާ އެ މައްސަލަ ބަލާނީ ފަނޑިޔާރުންގެ ބެންޗަކުން ކަމަށް މިދިޔަ ހަފްތާ ނިންމާފައިވާ ކަމަށެވެ. އެ ބެންޗްގައި ތިއްބަވަނީ ފަނޑިޔާރު ސައީދު އިބްރާހިމް އާއި ފަނޑިޔާރު މުހުތާޒް ފަހުމީ އަދި ފަނޑިޔާރު އަހްމަދު ރަޝީދެވެ. ކްރިމިނަލް ކޯޓުގައި އާންމުކޮށް މައްސަލައެއް ބައްލަވައި ހުކުމް ކުރައްވާނީ އެންމެ ފަނޑިޔާރެކެވެ. އެހެން ނަމަވެސް އިސް ގާޒީގެ ނިންމެވުމަށް ބޮޑެތި މައްސަލަތަކުގައި ބެންޗެއް އެކުލަވާލެވިދާނެ އެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި އަދީބުގެ އެޕާޓަމަންޓަކުން ފިސްތޯލައެއް ފެނުނު ކަމަށް، ތަހުގީގުގެ ތެރޭގައި ގިނަ ބަޔަކު ބުނެ އެވެ. އަދި ޕީޖީ އެ މައްސަލަ ފޮނުވީ ވެސް ހެކިންގެ ހެކިބަހުން ތަހުގީގަށް އެކަން ސާބިތުވެގެންނެވެ.

އެ ދައުވާ ސާބިތުވެއްޖެ ނަމަ، 15-10 އަހަރުގެ ހުކުމެއް އަދީބަށް އަންނާނެ އެވެ.

އެމްއެމްޕީއާރުސީގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލައިގައި ވެސް އަދީބު އާއި އެ ކުންފުނީގެ އެމްޑީ އަކަށް ހުންނެވި އަބްދުﷲ ޒިޔަތުގެ މައްޗަށް ވެސް ދައުވާ ކުރަން ފުލުހުން ވަނީ ޕީޖީ އޮފީހަށް ފޮނުވައިފަ އެވެ. އަދީބު ހައްޔަރުކޮށްފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގެ ތަހުގީގަށެވެ.