އަބްދުﷲ ޖާބިރު

ފަސޭހައިން ސޮވެރިން ގެރެންޓީ ލިބޭނެ ގޮތް ހެދުމަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

ޕްރައިވެޓް ކުންފުނިތަކަށް ފަސޭހައިން ސޮވެރިން ގެރެންޓީ ލިބޭނެ ގޮތް ހެދުމަށް އެދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މައްސަލަ ބޭރުކޮށްލައިފި އެވެ.

ޖާބިރު ހުށަހެޅުއްވި މައްސަލަ ބަލައިގަންނަން ފެނޭތޯ މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 11 މެމްބަރުންނެވެ. ނުފެންނަ ކަމަށް 15 މެމްބަރުން ވޯޓުދެއްވި އިރު ވަކި ކޮޅަކަަށް ވޯޓު ނުދެއްވާ ހަތަރު މެމްބަރަކު އިންނެވި އެވެ.

މައްސަލަ ހުށަހަޅުއްވަމުން ޖާބިރު ވިދާޅުވީ ރާއްޖޭގައި ބޮޑެތި ވިޔަފާރިތަކުން ބޭނުންކުރާ ގިނަ ބިންތަކުގެ މިލްކުވެރިކަން މިވަގުތު އޮތީ ސަރުކާރުގައި ކަމަށެވެ. އަދި ކޮވިޑާއެކު ވިޔަފާރީގެ ބޮޑެތި ޕްރޮޖެކްޓައް ހުއްޓި ރާއްޖެއަށް އިންވެސްޓްކޮށްގެން ތިބި ބޮޑެތި ވިޔަފާރިވެރިންނާއި ދިވެހި އެތަކެއް ރައްޔިތުންގެ ބަނޑުފުރާނަ މުއްތިކުރުމާއި ގުޅިފައިވާ ކުންފުނިތަކަށް ފޫނުބެއްދޭވަރުގެ ގެއްލުން ވަމުންދާ ކަމަށެވެ.

"އިގްތިސޯދަށް ގެއްލުންދެނިވި އުސޫލު ސަރުކާރުގެ އަމަލުތައް ހުރި ހިނދު ދިވެހި ސަރުކާރާއެކު ވެފައިވާ އެއްބަސްވުން އެކަނި ބަލައިގެން ބޭންކުތަކުން ޕްރައިވެޓް ކުންފުނިތަކަށް ލޯނުދޭން ޖެހިލުންވޭ. ފައިނޭންސް ހޯދަން ނިިހާޔަތަށް އުނދަގޫވޭ. ދިވެހިރާއްޖެއިން ބޭރުން ފައިސާ ހޯދުން ނޫން ގޮތެއް ނެތް،" ޖާބިރު ވިދާޅުވި އެވެ.

ޖާބިރު އިތުރަށް ވިދާޅުވީ ރަހުނުގެ ގޮތުގައި އަގު ބޮޑެތި މުދާ ބެހެއްޓުމުގެ ގާބިލިއްޔަތުކަން ހުރި އަދި އެހެންވެސް ޝަރުތުތައް ހަމަވާ ޕްރައިވެޓް ކުންފުނިތަކަށް މީގެ ކުރިން ވެސް ސަރުކާރުން ސޮވެރިން ގެރެންޓީ ދީފައިވާ ކަމަށެވެ. އެހެންކަމުން އިގްތިސޯދީ ގޮތުން އަރައިގަތުމަށްޓަކައި އެފަދަ ގެރެންޓީ ދެވޭނެ އުސޫލު ގާއިމުކޮށްދެއްވުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.