ޓީސީ

ފުޓްބޯޅަ އިތުރު ހަރުފަތަކަށް ގެންދަން ޓީސީގެ ކޯޗު ޕީޕީއެމްއަށް

Dec 3, 2015
3

ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗު، މުހައްމަދު ނިޒާމް (ނިޒާމްބެ) ޕީޕީއެމް އަށް މިރޭ ސޮއިކޮށްފި އެވެ.

ޓީސީ އިން މިއަހަރު ހޯދި ކާމިޔާބީތައް ފާހަގަ ކުރަން ދަރުބާރު ގޭގައި ބޭއްވި ހަފްލާގައި، ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ނިޒާމްބެ ޕީޕީއެމްއަށް ސޮއި ކުރީ، ފަސްޓް ލޭޑީ މެޑަމް ފާތިމަތު އިބްރާހިމް އަށް ދިން ސަޕްރައިޒް ހަދިޔާއެއްގެ ގޮތުގަ އެވެ. ރައީސް އަބްދުﷲ ޔާމީން ވެސް ބައިވެރިވެ ވަޑައިގަތް އެ ހަފްލާގައި، މެޑަމްގެ ކުރިމަތީގައި ނިޒާމްބެ ފޯމުގައި ސޮއިކޮށް ފިންގަ ޕްރިންޓް ޖެހުމަށް ފަހު ވާހަކަ ދައްކަމުން ބުނީ މިއީ އެއްގޮތަކަށް ވެސް ސިޔާސީ ނިންމުމެއް ނޫން ކަމަށެވެ. އަދި ސިޔާސީ މައިދާނުން ދުވަހަކު ވެސް ނުފެންނާނެ ކަމަށް ބުނެ ވައުދުވަމުން، ނިޒާމްބެ ބުނީ، މިއީ ދިވެހި ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންގޮސްދިނުމަށް މަސައްކަތް ކުރުމަށް ނިންމި ނިންމުމެއް ކަމަށެވެ.

"މާލީ މަންފާއެއް އަޅުގަނޑަށް ލިބިގެން ނިންމި ނިންމުމެއް ނޫން މިއީ. ޒުވާނުންނަށް ރައީސް ދެއްވާ އެހީތެރިކަން ފެނިފައި ކުޅިވަރަށް، ފުޓްބޯޅައަށް ދެއްވާ އެއްބާރުލުން ފެނި އެ މަސައްކަތުގައި އެއްބާރުލުން ދިނުމަށް އަޅުގަނޑު އަމިއްލަ އަށް އެއްވެސް ބަޔެއްގެ ޕްރެޝަރެއް ނެތި އަޅުގަނޑު ނިންމި ނިންމުމެއް މިއީ،" ނިޒާމްބެ ބުންޏެވެ.

އޭނާގެ ވާހަކަ އިތުރަށް ކުރިއަށް ގެންދަމުން ބުނީ، މި ސަރުކާރުން އިސްނަގައިގެން ވުޖޫދަށް ގެނައި، ކުޅިވަރާ ބެހޭ ގާނޫނަކީ ކުޅިވަރުގެ ދާއިރާ ކުރިއަށް ގެންދިޔުމަށް މިހާތަނަށް ހެދުނު އެންމެ ރަނގަޅު ގާނޫނު ކަމަށެވެ. އަދި މިފަދަ ކަންތަކުގެ ތެރެއިން ސަރުކާރާ ގުޅިގެން ފުޓްބޯޅަ އަދި ކުޅިވަރު އެހެން ހަރުފަތަކަށް ގެންދެވިދާނެ ކަމަށް ވެސް ނިޒާމްބެ ބުންޏެވެ. ސަރުކާރުން ޒުވާނުންގެ ކުޅިވަރަށް ކުރާ ކަންކަން ދަމަހައްޓައި ދެއްވުމަށް ނިޒާމްބެ އެދިވަޑައިގެންނެވި އެވެ. 

ކްލަބުގެ ކުޅުންތެރިންނަށް ޝުކުރު އަދާކުރަމުން ނިޒާމްބެ ބުނީ ޓީސީ މިހިސާބަށް އައީ ކުޅުންތެރިންގެ މިންނެތް މަސައްކަތުން ކަމަށެވެ. އަދި ކުޅުންތެރިން އެހާ ބުރަ މަސައްކަތް ނުކުރި ނަމަ، މި ހިސާބަށް އަދި މި ނިންމުމަށް އޭނާއަށް ނާދެވުނީސް ކަމަށް ވެސް ބުންޏެވެ.