ސުޕްރީމް ކޯޓް

ފަރިވާގައި ރޯވުން: ސްޓެލްކޯގެ އިހުމާލެއް ނެތް

މާފަންނު ފާމްދޭރި ހިނގުމުގައި ހުންނަ ގުލޯރިއާގޭގައި ހަދައި ހިންގަމުން ދިޔަ ފަރިވާ ފިހާރައިގައި 2016 ވަނަ އަހަރު ރޯވެ ހިނގި ހާދިސާގެ ޒިންމާ ސެޓްލްކޯއިން ނަގަން ނުޖެހޭނެ ކަމަށް ސިވިލް ކޯޓުންނާއި ހައިކޯޓުން ނިންމި ނިންމުމަށް ސުޕްރީމް ކޯޓުން ވެސް ތާއީދުކޮށްފި އެވެ.

ފަރިވާގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ސެޓްލްކޯއާ ދެކޮޅަށް ދައުވާކޮށްފައިވަނީ ފަރިވާގެ ވެރިޔާ، މަހުމާ ހުސައިން ރަޝީދެވެ.

މި މައްސަލާގައި މަހުމާ ހުސައިން ރަޝީދު އެދިފައިވަނީ ފަރިވާއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 33 މިލިއަން ރުފިޔާ ނަގައިދިނުމަށެވެ. އެ ހާދިސާ ހިނގާފައިވަނީ އެ ފިހާރަ ބޭރުގައި ބަހައްޓާފައި ހުރި ކަރަންޓު ޑިސްޓްރިބިއުޝަން ފޮށީގެ ސަބަބުން ކަމަށް ފަރިވާ އިން ބުނެ އެވެ.

ސިވިލް ކޯޓުން މި މައްސަލަ ބެލުމަށްފަހު ކުރި ހުކުމުގައިވަނީ ފަރިވާގައި އަލިފާން ރޯވީ ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ފޮށީގެ ސަބަބުން ކަމެއް މައްސަލާގައި ހުށަހަޅާފައިވާ ލިޔުންތަކުން ޝަރީއަތަށް ސާބިތު ނުވާ ކަމަށެވެ. އެެހެންކަމުން އެ ހާދިސާގެ ސަބަބުން ފަރިވާއަށް ލިބުނު ގެއްލުމުގައި ސްޓެލްކޯގެ ޒިންމާއެއް ނެތް ކަމަށް ވަނީ ކަނޑައަޅާފަ އެވެ. ހައިކޯޓުން ވެސް ވަނީ އެ ހުކުމަށް ތާއީދުކޮށްފަ އެވެ.

ސްޕްރީމް ކޯޓުން މި މައްސަލަ ބެލުމަށްފަހު މިއަދު ހުކުމް އިއްވަމުން އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާން ވިދާޅުވީ އާންމު މީހަކު، ދައުލަތުގެ އިދާރާއެއް އަދި އަމިއްލަ އިދާރާ އަކަށް ވިޔަސް އަވަށްޓެރިއާއަށް ގެއްލުންވާ ގޮތަށް އަމަލުކޮށްގެން ނުވާނެ ކަމަށެވެ. ސްޓެލްކޯއިން އިހުމާލުވެފައިވާނަމަ، އެއީ އިންޓަނޭޝަނަލް ޓޯޓް ލޯގެ ތެރޭގައި އޮތް އިހުމާލުގެ މައްސަލައެއް ކަމަށް އުއްތަމަފަނޑިޔާރު ފާހަގަކުރެއްވި އެވެ.

ގެއްލުން ލިބިފައިވަނީ ވަކި ފަރާތެއްގެ ސަބަބުން ކަމަށް ވާނަމަ ޒިންމާ އުފުލުމަށް އަސާސީ ހަތަރު ކަމެއް ކުރަން ޖެހޭ ކަމަށް އުއްތަމަފަނޑިޔާރު ފާހަގަކުރެއްވި އެވެ. އެއް ކަމަކަށް ފާހަގަކުރެއްވީ އިހުމާލު ލިބުނު ފަރާތުން ގެއްލުން ލިބުނު ފަރާތުގެ މައްޗަށް އަދާކުރަން ޖެހޭ ގާނޫނީ ޒިންމާއެއް އޮންނަން ޖެހުމެވެ. ދެވަނަ ކަމަކަށް އިހުމާލުވި ފަރާތުން އެ ގާނޫނީ ޒިންމާއާ ހިލާފްވެފައިވުމާއި އަދި އިހުމާލުވި ފަރާތުން އެ ގާނޫނީ ޒިންމާއާ ހިލާފްވުމުގެ ސަބަބުން ގެއްލުމެއް ލިބިފައިވާ ކަމެވެ. ހަތަރުވަނަ ކަމަކަށް އެ ގެއްލުމަކީ އިހުމާލުވި ފަރާތުން ގާނޫނީ ޒިންމާއާ ހިލާފަށް ކުރި އަމަލާ ގުޅިފައިވާ އަމަލެއް ކަމުގައިވާން ޖެހޭ ކަމަށް އުއްތަމަފަނޑިޔާރު ވިދާޅުވި އެވެ.

ހުކުމްގައި ވިދާޅުވެފައި ވަނީ ސްޓެލްކޯއިން ދުވާރުމަތީގައި އެ ކަރަންޓު ބޯޑު ބަހައްޓާފައިވާނަމަ ވަށައިގެންވާ ތަންތަނާއި މީހުންނަށް ގެއްލުންވެއްޖެނަމަ އެކަމަށް ގާނޫނީ ޒިންމާ ނަގަން ޖެހޭނީ ސްޓެލްކޯއިން ކަމަށެވެ.

ނަމަވެސް މި މައްސަލައިގައި ފުލުހުން ހެދި ފޮރެންސިކް ފިޒިކަލް އެގްޒަމިނޭޝަނުން ފަރިވާ ފިހާރައިގައި ރޯވެފައި ވަނީ ސްޓެލްކޯގެ ކަރަންޓު ފޮށީގެ ކޭބަލަކުން ނޫން ކަން އެނގޭ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ. އަދި އިސްތިއުނާފް ކުރި ފަރާތަށް އެ ހާދިސާ ހިނގީ ސްޓެލްކޯގެ އިހުމާލުންކަން ޝަރީއަތަށް ސާބިތުކޮށްދެވިފައި ނުވާކަން އެނގޭ ކަމަށެވެ.

އެހެންކަމުން މަހުމާ ހުސައިން ރަޝީދުގެ ފަރާތުން އިސްތިއުނާފް ކޮށްފައިވާ މައްސަލައިގައި ނަގައިދޭން އެދިފައިވާ 33 މިލިއަން ރުފިޔާގެ ބަދަލު ނަގައިދެވޭނެ ތަނެއް ނެތް ކަމަށާއި އަދި އަލިފާން ރޯވެފައި ވަނީ ސްޓެލްކޯގެ އިހުމާލުން ކަމަށް ބެލޭނެ ތަނެއް ނެތް ކަމަށް ހުކުމް އިއްވަވަމުން އުއްތަމަފަނޑިޔާރު ވިދާޅުވި އެވެ.

ދެހާސް ސޯޅަވަނަ އަހަރުގެ ޖެނުއަރީ 20 ވަނަ ދުވަހު ހިނގައިދިޔަ މި އަލިފާނުގެ ހާދިސާއާއެކު ސިފައިން ހަރަކާތްތެރިވެ އަލިފާން ނިއްވާލި ނަމަވެސް ފިހާރައިގެ ބޮޑުބައެއް ވަނީ އެކީ އަނދައިގެން ގޮސްފަ އެވެ. ފިހާރައިގެ ތަކެތި އަނދައިގެން ދިޔައިރު ފިހާރައިގެ އިމާރާތަށް ވެސް ވަރަށް ބޮޑަށް ގެއްލުން ލިބުނެވެ. އަދި އެ ފިހާރައާއި ޖެހިގެން ހުރި އިމާރާތްތަކަށް ވެސް އަލިފާނުގެ އަސަރުކޮށްފައިވެ އެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާފައި ވަނީ އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާން، ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު މުހައްމަދު އިބްރާހިމް އެވެ. މައްސަލަ ނިންމާފައި ވަނީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.