މޫސާ ޒަމީރު

އައްޑޫގައި 4،000 އެނދު ތަރައްގީ ކުރާނަން: ޓޫރިޒަމް މިނިސްޓަރު

Dec 4, 2015
13

އައްޑޫ ސިޓީގައި ޓޫރިސްޓުންނަށް ހާއްސަކޮސް އިތުރު 4،000 އެނދު ތަރައްގީ ކުރުމުގެ މަސައްކަތް މި ސަރުކާރުން ހުއްޓުމެއް ނެތި ކުރާނެ ކަމަށް ޓްއަރިޒަމް މިނިސްޓަރު، މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

އައްޑޫ މަޖިލިސް މެންބަރުންނާ އެކު، މިނިސްޓަރު ޒަމީރު އެ ސިޓީއަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި ފޭދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ވިދާޅުވީ ޓްއަރިޒަމްގެ މަޝްރޫއުތައް އައްޑޫ ސިޓީގައި ފެށުމަށް ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި އައްޑޫ އަކީ ބޮޑު އާބާދީއަކަށް ވާ އިރު ސަރުކާރުން މަސައްކަތް ކުރަނީ ޓޫރިޒަމް ފަދަ އިގްތިސާދީ މަސައްކަތްތައް އިތުރުކޮށްގެން އެ ސިޓީގެ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރަން ކަމަށް ޒަމީރު ވިދާޅުވި އެވެ. މިއަދު ހުޅުދޫ ރައްޔިތުންނާ ބައްދަލު ކުރައްވާ ޒަމީރު ވިދާޅުވީ އެ އަތޮޅުގައި ފެށުމަށް ހަމަޖެހިފައިވާ ގެސްޓް ހައުސް އައިލެންޑްގެ މަސައްކަތް، އިސްމެހެލާ ހެރަ ތަރައްގީގެ މަސައްކަތް އަންނަ މަހު ފަށައިގަނެވޭނެ ކަމަށެވެ. 

"މި ސަރަހައްދުގައި މިހާރު ހުރި އެނދުގެ އަދަދު އިތުރަށް 4،000 ބޮޑުކުރުން މި ސަރުކާރުގެ އަމާޒަކީ. އެކަމަށް ހިނގަން ޖެހޭ މަޝްރޫއުތަކުގެ ކަންކަން ބާރަށް އެބަ ހިނގާ. މި ސިޓީގެ ރައްޔިތުންނަށް ހާއްސަކޮސް ޒުވާނުންނަށް މީގެ ސަބަބުން ވަޒީފާތަކެއް އިތުރު ކުރުން ސަރުކާރުގެ އަމާޒަކީ،" ޒަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ދާދިފަހުން އައްޑުއަށް ކުރި ވިއްސާރައިގެ ގެއްލުންތައް ސަރުކާރުން ވަނީ ވަރަށް ކައިރިން ބަލައިފަ އެވެ. އަދި އެއަށް ފަހު ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިކަން ދިނުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ. އެގޮތުން އެފަދަ އާއިލާތަކަށް ސަރުކާރުން ފައިސާ ދެއްވަން ނިންމެވިކަން ހާމަކުރެއްވި އެވެ. އަދި މިފަދަ ހިތާމަވެރި ވަގުތުތަކުގަިއ ކެތްތެރިކަމާ އެކު އައްޑޫގެ ރައްޔިތުން ސަރުކާރާ އެކު އެއްބާރުލައިގެން މަސައްކަތް ކުރާތީ މިނިސްޓަރު އެ ސިޓީގެ އެންމެހާ ރައްޔިތުންނަށް ޝުކުރު އަދާ ކުރެއްވި އެވެ.