ބޮލީވުޑް

ރަންބީރު އާއި އާލިއާގެ ކައިވެނި އަންނަ ޑިސެމްބަރު މަހު

ރަންބީރު ކަޕޫރާއި އާލިއާ ބަޓަކީ މި ވަގުތު ބޮލިވުޑްގައި ތިބި އެންމެ ހުނަރު ވެރި ޒުވާން އެކްޓަރުން ނަމަވެސް އެމީހުން ކުޅޭ ފިލްމުތަކަށް ވުރެ އެ މީހުންގެ ޒާތީ ދިރިއުޅުމުގެ ވާހަކަތަކުގެ އަޑު މާ ގަދަ އެވެ.

ރަންބީރާއި އާލިއާ ލޯބީގެ ގޮތުން ގުޅީގެން އުޅޭކަން ހާމަ ކުރީއްސުރެ އެމީހުންގެ ކައިވެނީގެ ވާހަކަތަކުގެ އަޑުވެސް ދޭތެރެ ދޭތެރެއިން ގަދަވެ އެވެ.

ފަހުގެ ހަބަރުތައް ބުނާ ގޮތުގައި އަންނަ ޑީސެމްބަރު މަހަށް މި ދެ ތަރިންގެ ކައިވެނި މިހާރު ވަނީ ހަމަޖެހިފަ އެވެ. އިންޑިޔާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި ޑިސެމްބަރު މަހު ޝޫޓްކު ރަން ހަމަޖެހިފައިވާ މި ދެ އެކްޓަރުންގެ ހުރިހާ ފިލްމުތަކެއްގެ ޝެޑިއުލްތައް ބަދަލުކޮށް އެ މަސް ކައިވެންޏަށް މިހާރުވަނީ މުޅިން ޚާއްސަކޮށްފަ އެވެ.

ރަންބީރު އާއި އާލިއާ ލޯބީގެ ގޮތުން ގުޅުނީ "ބްރަހްމަޝްތުރާ" ގެ ޝޫޓިން ފެށުމާ އެކުގަ އެވެ. އަދި ކައިވެނި ކުރަން ހަމަޖެހިފައި ވަނީ މި ފިލްމުގެ ޝޫޓިން ނިންމުމަށް ފަހުގަ އެވެ. ކުރިން ހަމަޖެހިފައި ވަނީ އަހަރު ނިމޭ ހިސާބުގައި ރަންބީރު "އެނިމަލް" ގެ ޝޫޓިންގް ފަށާ ގޮތަށެވެ. ނަމަވެސް ރަންބީރު އެދިގެން "އެނިމަލް" ގެ ޝޫޓިން މިހާރު ވަނީ އަންނަ އަހަރުގެ ކުރީކޮޅަށް ލަސްކޮށްފަ އެވެ. އަދި އާލިއާ ވެސް ސޮއި ކޮށްފައިވާ ހުރިހާ ފިލްމެއްގެ މަސައްކަތް ޑިސެމްބަރަށް ނިންމާނެ ކަމަށް ވެއެވެ. މި ފިލްމުތަކުގެ ތެރޭގައި ޕްރޮޑިއުސަރެއްގެ ގޮތުގައި އާލިއާ އުފައްދާ "ޑާލިން" ވެސް ހިމެނެ އެވެ.

ކައިވެނީގެ ވާޙަކަތަކަށް ޖަވާބު ދެމުން އާލިއާގެ މަންމަ ސޯނީ ރާޒްދާން ބުނެފައިވަނީ ރަންބީރު އާއި އާލިއާ ކައިވެނި ކުރާނެކަމަށާއި ނަމަވެސް އެކަން ކުރަން އަދި ވަރަށް ގިނަ ދުވަސް އެބައޮތް ކަމަށެވެ.

ގިނަ ބަޔަކު ދެކެނީ އާލިއާގެ މަންމަގެ ވާޙަކައަކީ މީހުންނަށް އޮޅުވާލަން ދައްކާ ވާޙަކައެއް ކަމަށެވެ.