ބޮލީވުޑް

އަމީތާބާއި އާއިލާއަށް ވާލުގެ އުނދަގޫ!

އަމީތާބް ބައްޗަން މުމްބާއީގައި ދިރިއުޅޭ ގެ ޖާލްޝާ އަށް މި ދުވަސްވަރު ވާލުގެ އުނދަގޫ ވަނީ ވަރަށް ބޮޑުވެފައި ކަމަށް އޭނާ ބުނެފި އެވެ. ވާލުގެ އުނދަގުލުން ސަލާމަތްވާން ވަރަށް ގިނަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައި ވީ ނަމަވެސް އެ ސޮރުމެންގެ އުނދަގުލުން ރައްކާތެރި ވެވިފައި ނުވާ ކަމަށް ވެސް އަމީތާބު، 79، ބުންޏެވެ.

އަމީތާބު އޭނާގެ ބްލޮގްގައި ލިޔެފައިވާ ގޮތުގައި ވާތައް ފައްސާލުމުން އަނެއްކާ ވެސް އޭނާގެ ގެޔަށް އަންނަން ފަށައިފި އެވެ. އަދި ވާ ތަކާ ހެދި އޭނާގެ އާއިލާގެ މީހުން ބިރުން ހަލާކުވާވަރު ވެފައި ތިބިކަމަށް އަމީތާބު ބުންޏެވެ. އެހެންވެ ވާ ބިރުގަންނަވާ އެކި ކަހަލަ އިލެކްޓްރޯނިކް ޑިވައިސްތައް ހަރުކުރުމާއި އެނޫން ވެސް ކަންކަން ކުރަން އަނެއްކާވެސް ފަށާފައިވާ ކަމަށް އަމީތާބު ބުންޏެވެ.

އަމީތާބު ވަނީ ވާތައް ނާންނާނެ ގޮތް ހެދުމަށް އެ ގޭގައި ކުރި ގިނަ މަސައްކަތްތަކެއްގެ ތަފްސީލު ވެސް ދީފަ އެވެ.

"ފޮގް ކުރުން، ސެނިޓައިޒް ކުރުން، އިލެކްޓްރޯނިކް ރިޕްލެންޓް ގެޖެޓްސް ފަދަ ތަކެތިން ވެސް އެ ސޮރުމެން ފައްސައެއް ނުލެވުނު. އެންމެ ފަހުން ބޮޑުއާވި ތެލުން މުޅި ގެޔަށް ސްޕްރޭ ވެސް ކޮށްފިން. ނަމަވެސް މީގެން އެއްވެސް ކަމަކުން އެދެވޭ ނަތީޖާއެއް ނުލިބު،" އަމީތާބު ލިޔެފައި ވެއެވެ.

ވާ ތަކުން ސަލާމަތް ވެވޭނެ ގޮތެއް އެއްވެސް މީހަކަށް އެނގޭނަމަ ބުނެދޭން ވެސް އަމީތާބު އެދިފައި ވެއެވެ.