އެންސްޕާ

ނުކުޅެދުންތެރިކަން ހުންނަ ހަ ހާސް މީހުންނަށް ފައިސާގެ އެހީ

Dec 4, 2015

ނުކުޅެދުންތެރިކަން ހުންނަ ހަ ހާހަށް ވުރެ ގިނަ ކުދިންނަށް ފައިސާގެ އެހީތެރިކަން ވެދެމުން އަންނަ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބުނެފި އެވެ.

އިއްޔެ ފާހަގަ ކުރި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާ ގުޅުވައިގެން އެޖެންސީ އިން ނެރުނު ބަޔާނެއްގައި ބުނީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބޭސްފަރުވާ އާއި އެހެނިހެން ވެސް ކަންކަން ހަމަޖެއްސުމަށް 6108 ކުއްޖަކަށް ފައިސާ ދެމުން އަންނަ ކަމަށެވެ. ފައިސާ ދިނުމުގެ އިތުރަށް އެފަދަ ފަރާތްތަކަށް ބޭނުންވާ ބައެއް ތަކެތި ހޯދައި ދެމުން އަންނަ ކަމަށް ވެސް އެ އެޖެންސީ އިން ބުންޏެވެ.

އެގޮތުން 106 ފުރޮޅުލީ ގޮޑި އާއި 17 ވޯކާ އާއި 66 ހިއަރިން އެއިޑް އަދި އަޑް ކޮކްލިއާ އިމްޕްލާންތް ހޯދައިދީފައިވެ އެވެ. އަދި އެފަދަ ފަރާތްތަކުގެ ބޭސްފަރުވާގެ ކަންކަން ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ހިލޭ ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް ވެސް ބުންޏެވެ.

މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހިދުމަތް ދިނުމަށް އެންސްޕާގައި ހާއްސަ ކައުންޓަރެއް ވެސް ވަނީ ގާއިމްކޮށްފަ އެވެ. އެ އެޖެންސީ އިން ބުނީ، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ސްޕެޝަލް ސީޓިން އިއްޔެ އިން ފެށިގެން ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ.

ރައީސްގެ އަނބިކަބަލުން މެޑަމް ފާތިމަތު އިބްރާހިމް އުފައްދަވާފައިވާ، ސޮދަގާތް ފައުންޑޭޝަން އާއި އާސަންދަ ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ 10 ކުއްޖަކަށް ވަޒީފާ ދޭން ވަނީ ނިންމައިފަ އެވެ.