ހަބަރު

ޤާރީންގެ ދަފްތަރެއް އެކުލަވާލައި އެހީތަކެއް ދެނީ

ފާއިތުވެމިދިޔަ ދުވަސްތަކުގައި ރާއްޖޭގެ ޤާރީން ތިބީ އަޅާލާނެ ބަޔަކު ނެތިފައި ކަމަށާއި އެކަން ބަދަލުކުރަން ޤާރީންގެ ދަފްތަރެއް އެކުލަވާލަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ބޭއްވެވި 100،000ރ. ގެ އަގު ބޮޑު ގުރުއާން މުބާރާތުގެ އިނާމު ދޭން ދިއްދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ޤާރީން ކުރައްވާ ބުރަ މަސައްކަތް ހަރުދަނާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ސަރުކާރުން ބޭނުންވާ ކަމަށެވެ. އަދި ރައީސްގެ އިރުޝާދުގެ ދަށުން ގާރީންނަށް އެހީތެރިކަން ދީ އެ ފެންނު ކުރިއެރުވުމަށް ދަފްތަރެއް އެކުލަވާލައިގެން އެހީތަކެއް ދިނުމަށް މަސައްކަތްތައް ފެށިފައިވާކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޤުރުއާން ކިޔަވަން ޖެހޭނީ ހަމައެކަނި މުބާރާތްތަކުގައި ބައިވެރިވުމުގެ ބޭނުމަކު ނޫނެވެ. ކީރިތި ޤުރުއާން ތަޖުވީދުގެ މަގުން ރީތިކޮށް އަބަދުވެސް ކިޔެވުމަށް ހުރިހާ އުމުރުފުރާއެއްގެ މީހުންނަށް އޭނާ އިލްތިމާސް ކުރެއްވި އެވެ. އަދި އެކަމަކީ މުސްތަގްބަލް އުޖާވެ، އާހިރަތުގެ ބާއްޖަވެރިކަން ހޯދަން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ފާހަގަ ކުރައްވަމުން އަލީ ވަހީދު ވިދާޅުވީ ގުރުއާނަށް ދޭ އަހަމިއްޔަތު އިތުރު ކުރަން ފެންވަރު ރަނގަޅު ގާރީން އުފެއްދުމާއި އެ މީހުންގެ މަަސައްކަތްތައް އިތުރު ކުރުމަކީ ވެސް ދަފްތަރުގެ ބޭނުމެއް ކަމަށެވެ.

މިރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ވިދާޅުވީ ގައުމެއް ތަރައްގީ ވާނީ އެ ގައުމެއްގައި އަދަބާއި އަހްލާގް ވެސް ދެމެހެއްޓިގެން ކަމަށެވެ. އަދި ތަރައްގީގެ ފޮނިކަން ލިބޭނީ ގުރުއާންގެ މަތީގައި ޒީނަތްތެރިވެ ތިބެގެން ކަން ފާހަގަކުރެއްވި އެވެ.

އެ މުބާރާތުގެ އެއް ވަަނަ އަށް ހޮވިފައިވަނީ ހއ. ދިއްދޫ ފެހިއާރު، ނުޒްލާ އިސްމާއިލް ރަޝީދާއި ހުސްނުހީނާގޭ، ޖައުދާ އެވެ. މި މުބާރާތުގައި މި އަހަރު 194 ދަރިވަރަކު ވާދަކުރި އެވެ.