ސިވިލް ކޯޓް

އަތަމާ ޕްލާޒާއާ ގުޅޭ މުއާމަލާތެއް ނުކުރަން އަމުރުކޮށްފި

Nov 1, 2021

މ. އަތަމާޕްލާޒާއާ ގުޅިގެން ސިވިލްކޯޓަށް ހުށަހަޅާފައިވާ މައުލޫއީ މައްސަލަ ނިމެންދެން ގެއާ ގުޅޭ އެއްވެސް މުއާމަލާތެއް ނުހިންގުމަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.

ޝަރީއަތް މެދުވެރިކޮށް އަތަމާޕްލާޒާގެ މިލްކުވެރިކަން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ މައްޗަށް ބަދަލުކުރަން ގޭގެ ވެރިފަރާތް ކަމަށްވާ އިސްމާއީލް އަބްދުލްލަތީފް އިސްވެ ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅި އެވެ. ނަމަވެސް އޭނާގެ މައްޗަށް އެވަގުތު ސާބިތުވެފައިވާ ދަރަނިތަކެއް ހުރުމުން އެ ދަރަނިތައް ހަލާސްކޮށް ނުނިމެނީސް މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ކޯޓުން ނިންމުމުން ޝަރީއަތަށް ހުށައެޅި ބިން ވިއްކުމުގެ މައްސަލަ އަނބުރާ ނަގަން ބޭނުންވާ ކަމަށް ބުނެ އިސްމާއީލް އަބްދުލްލަތީފް ސިވިލް ކޯޓަށް ސިޓީ ފޮނުވުމުން މައްސަލައިގެ ދައުވާ ފޯމް ވަނީ ބާތިލްކޮށްފަ އެވެ.

އޭގެ ފަހުން ޖާބިރު ވަނީ އަތަމާޕްލާޒާއަށް އޭނާގެ ހައްގު އޮތްކަމަށް ކަނޑައަޅައިދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފަ އެވެ. މިހާރު ސިވިލް ކޯޓުގައި ކުރިއަށް ދަނީ ޖާބިރު ހުށަހަޅާފައިވާ މައްސަލަ އެވެ.

މި މައްސަލަ ކޯޓުގައި އޮއްވައި އަތަމާޕްލާޒާއާ ގުޅޭ އެއްވެސް މުއާމަލާތެއް ހިންގުން ނުވަތަ ތިންވަނަ މީހަކު އެ ބިމަށް ހައްގު އުފަންވެދާނެ އެއްވެސް މުއާމަލާތެއް ނުކުރުމަށް އެދި އަމުރެއް ނެރެދިނުމަށް ޖާބިރު ކޯޓަށް ހުށަހެޅި އެވެ.

ސިވިލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު އަމުރުގައި ބުނެފައި ވަނީ ޖާބިރު އާއި އިސްމާއީލް އާއި ދެމެދު ގެއާ ގުޅިގެން މުއާމަލާތްތަކެއް ކޮށްފައިވާކަން އެނގެން އޮތުމުން ތިންވަނަ މީހަކަށް އެގެއަށް ހައްގު އުފަންވެއްޖެ ނަމަ މައުލޫއީ މައްސަލައިގެ ހުކުމަށް އަސަރުކުރާނެ ކަމަށެވެ. އަދި އެފަދަ އިތުރު މުއާމަލާތެއް ކޮށްފިނަމަ ޖާބިރަށް އިޔާދަ ނުކުރެވޭފަދަ ބޮޑު ގެއްލުމެއް ލިބިގެންދާނެ ކަމަށެވެ.

އެހެންކަމުން ސިވިލް ކޯޓުން ވަނީ ޖާބިރު އެދިވަޑައިގަތްގޮތަށް އެ އަމުރު ނެރެދެއްވާފަ އެވެ.

އަތަމާޕްލާޒާ އަކީ އޮކްޓޫބަރު 28، 2010 ގައި 14 މިލިއަން ރުފިޔާއަށް އިސްމާއީލްގެ އަތުން ޖާބިރު ބައްލަވައިގެންފައިވާ ގެއެކެވެ. ނަމަވެސް އަދިވެސް ގޭގެ ރެޖިސްޓްރޭޝަންގެ ކަންކަން އޮތީ ނުނިމި އެވެ.

އިސްމާއީލްގެ ދަރަންޏާ ގުޅިގެން ސިވިލް ކޯޓުން ކުރިން ވަނީ އަތަމާޕްލާޒާ ގަންނާނެ ފަރާތެއް ހޯދަން އިއުލާނުކޮށް، އެ ގެ ގަތުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ގެ ބެލުމުގެ ފުރުސަތު ދިނުމަށް އަންގާ އަމުރެއް ނެރެފަ އެވެ.