ހަބަރު

ޑަބްލިއުއެޗްއޯގެ މެމްބަރުކަމަށް 50 އަހަރު ފާހަގަ ކުރުމަށް ފޮޓޯ މައުރަޒެއް

ބައިނަލް އަގްވާމީ ސިއްހަތު ޖަމިއްޔާ ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއު އެޗްއޯ) ގެ މެމްބަރަކަށް ރާއްޖެވިތާ 50 އަހަރު ފުރުން ފާހަގަކުރުމަށް ރާއްޖޭގައި ހާއްސަ ފޮޓޯ މައުރަޒެއް ބާއްވަން ނިންމައިފި އެވެ.

ހެލްތް މިނިސްޓްރީން ބުނީ ފޮޓޯ މައުރަޒުގައި ރާއްޖޭގެ ސިއްހީ ދާއިރާއަށް ލިބިފައިވާ ކުރިއެރުމާއި ސިއްހީ ދާއިރާއަށް އައިސްފައިވާ ބަދަލުތައް ދައްކުވައިދޭ ފޮޓޯތައް ދައްކާލާނެ ކަމަށެވެ. އަދި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ރާއްޖެއަށް ދީފައިވާ އެހީރެތިކަމާއި، ރާއްޖޭގައި ސިއްހީ ހިދުމަތް ދިނުމަށް ކޮށްފައިވާ މަސައްކަތްތަކާއި ސިއްހީދާއިރާގެ އެހާރާއި މިހާރުގެ ފޮޓޯތައް ދައްކާލާނެ ކަމަށްވެސް ހެލްތް މިނިސްޓްރީން ބުނެ އެވެ.

މި މައުރަޒު ކުރިއަަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރ 6-7 އަށް ދަރުބާރުގޭގައި އެވެ. މިމައުރަޒު އޮންނާނީ މިދެދުވަހުގެ ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 ން 22:00 އަށް ފާށަނާ މާލަމުގަ އެވެ.