ރައްޔިތުންގެ މަޖިލިސް

މަޖިލީހަށް ހުށަހަޅަން ހަތަރު ބިލެއް ފޮނުވައިފި

ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ދަށުން ހުށަހަޅަން ނިންމާފައިވާ ބިލުތަކުގެ ތެރެއިން އިތުރު ބިލުތަކެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އެޓާނީ ޖެނެރަލް އޮފީހުން ރައީސް އޮފީހަށް ފޮނުވައިފި އެވެ.

އެޓާނީ ޖެނެރަލް އޮފީހުން މިއަދު ކުރި ޓުވީޓެއްގައި ބުނީ ހަތަރު ބިލެއް މިހާރު ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

ފޮނުވި ބިލުތައް

  • • ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭތަކެތީގެ ބައިނަލްއަގުވާމީ ވިޔަފާރިކުރުމުގެ ބިލު
  • • ފެނާއި ނަރުދަމާގެ ގާނޫނަށް އިިސްލާޙު ގެނައުމުގެ ބިލު
  • • ކޯޓުތަކުގެ ގާނޫނަށް އިިސްލާޙު ގެނައުމުގެ ބިލު
  • • ފަނޑިޔާރުންގެ ޤާނޫނަށް އިިސްލާޙު ގެނައުމުގެ ބިލު

އެޓާނީ ޖެނަރަލްގެ އޮފީހުން އާ ބިލްތަކެއް ރައީސް އޮފީހަށް ފޮނުވިއިރު އިތުރު ބިލުތައް ނުލިބޭތީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މީގެ ކުރިން ކަންބޮޑުވުން ވެސް ފާޅުކުރައްވައިފަ އެވެ.

ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރުގައި 32 ބިލެއް ފޮނުވާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް އަދި މިހާތަނަށް ލިބުނީ ހަަތަރު ބިލު ކަމަށާއި ބާކީ ހުރި ބިލުތައް މި ދައުރުގައި ލިބޭނެ ކަމުގެ ޔަގީންކަމެއްވެސް ނެތް ކަަމަށެވެ.

މަޖިލީހުގެ މަސައްކަތްތައް މަޑުޖެހިފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި ނަމަވެސް މިހާރުވެސް 20 އަށް ވުރެ ގިނަ ބިލު ނުނިމި ކޮމިޓީ މަރުހަލާގައި އެބަ އޮތެވެ.

މި ދައުރުގައި ސަރުކާރުން ހުށަހެޅި ބިލުތަކުގެ ތެރޭގައި ހެއްކާ ބެހޭ ބިލާއި، މަދަނީ އިޖުރާތުގެ ބިލު، އިލެކްޓްރޯނިކް މުއާމަލާތްތަކާ ބެހޭ ބިލު އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނަަށް އިސްލާހު ގެންނަން ހުށަހެޅި ބިލު ހިމެނެ އެވެ.

ނަވާރަ ވަނަ މަޖިލީހަށް ޖުމްލަ މިހާތަނަށް 102 ބިލެއް ސަރުކާރުގެ ފަރާތުން ހުށަހެޅި އެވެ. އޭގެ ތެރެއިން 75 ބިލެއް ފާސްކޮށް މިހާރު ވަނީ ތަސްދީގުކޮށްފަ އެވެ.