- ފެނުގެ ހިދުމަތް ދޭ ނިޒާމް ޑިސެންޓްރަލައިޒް ކުރާނެ
- މައި ޕްލާންޓްގެ ސްޓްރަކްޗާއަށް ބަދަލު ގެންނާނެ
- އަމަލީ މަސައްކަތް އަންނަ އަހަރު ފަށާނެ
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ގައުމީ ފެން ކުންފުނު، އެމްޑްބްލިއުއެސްސީގައި ރޯވެ މުޅި މާލެއިން ފެނުގެ ހިދުމަތް ކެނޑުނު ހާދިސާ ފަދަ އެހެން ކާރިސާއެއް ތަކުރާރު ވިޔަ ނުދިނުމަށް 65 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ކުރިއަށް ގެންދާ ކަމަށް، އެ ކުންފުނިން މިއަދު ބުނެފި އެވެ.
ފެނުގެ ކާރިސާއަށް އަހަރަށް ވެފައިވާ އިރު އެކަމާ ގުޅިގެން ހިދުމަތް ރަނގަޅު ކުރުމަށް އެޅި ފިޔަވަޅުތަކާ ގުޅޭ މައުލޫމާތު "އަވަސް"އާ ހިއްސާ ކުރައްވަމުން އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ، އެފަދަ ކާރިސާއެއް ތަކުރާރު ވިޔަނުދިނުމަށް ދިރާސާތަކެއް ކުރުމަށް ފަހު ފެނުގެ ހިދުމަތް ދޭ މައި ޕްލާންޓްގެ ސްޓްރަކްޗާއަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށެވެ. އަދި މާލޭގެ އެކި ސަރަހައްދުތަކުގައި އިތުރު ޕްލާންޓްތައް ހެދުމުގެ މަސައްކަތް ވެސް އޭގެ ތެރެއިން ކުރިއަށްދާ ކަމަށް ފަޒުލް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ މަސައްކަތްތައް ކުރިއަށް ދާތީ އެމްޑަބްލިއުއެސްސީ ފުރަގަސް މަގު މިހާރު ވަނީ ބަންދުކޮށްފަ އެވެ. އަދި ފެނުގެ ހިދުމަތް ދޭ މައި ޕްލާންޓް ވީހާ ވެސް ރައްކާތެރި ކަމާ އެކު ބެހެއްޓުމަށް މި މަޝްރޫއުގެ ދަށުން އިސްކަން ދީފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިހާރު ރީ-ޕްލޭން ކުރުމުގެ މަސައްކަތްތަކެއް މި ކުރަމުން ދަނީ. ދެން އަޅުގަނޑުމެން މާލޭގެ އެކި ސަރަހައްދުތަކަށް ޑި-ސެންޓްރަލައިޒް ކުރުމާއި އެތަން ރީ-ޑިޒައިންކޮށް ރީ-ސްޓަރަކްޗަރ ކުރުމަށްފަހު އަމަލީ މަސައްކަތް ފަށައިގަތުމުގެ މަރުހަލާގައި މި އުޅެނީ. ގާތްގަނޑަކަށް މި މަޝްރޫއަށް 65 މިލިއަން ޑޮލަރު ހަރަދުވާނެ،" ފަޒުލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަންނަ އަހަރުގެ ތެރޭގައި އަމަލީ މަސައްކަތްތައް ފަށައިގަންނާނެ ކަމަށެވެ. އަދި އެ މަޝްރޫއު ނިމުމުން މާލެއަށް ފެން ފޯރުކޮށްދޭ ނިޒާމު މިހާރަށް ވުރެ މާބޮޑަށް ހަރުދަނާވެ ޒަމާނީވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ފަޒުލް ވިދާޅުވި ގޮތުގައި އެ ޕްރޮޖެކްޓް ނިމޭ އިރު، ކާރިސާއެއްގައި ވެސް ފެންފޯރުކޮށްދެވޭނޭ އިންފްރަސްޓްރަކްޗާ ހުންނާނީ ގާއިމް ކުރެވިފަ އެވެ.
އެމްޑަބްލިއެސްސީގެ އިންޖީނުގޭގައި ރޯވެ ހިނގި ކާރިސާގައި ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަހުގެ މުއްދަތަށް މާލެއިން ފެންކެނޑުނެވެ. އަދި ސްކޫލާއި އޮފީސް ފަދަ ތަންތަން އެކީ ބަންދު ކުރަން ޖެހުނެވެ. އަދި ސާފު ފެން ހޯދުމަށް އާންމުން މާލޭގެ އެކި ތަންތަނުގައި ދިގު ކިޔޫތައް ހެދި އެވެ.
އެފަދަ ކާރިސާއެއް ހިނގާ ނުދިޔުމަށް ގިނަ ފިޔަވަޅުތަކެއް އަޅާނެ ކަމަށް އޭރު ސަރުކާރުން ބުނެފައިވެ އެވެ.