ބޭރު ކުޅިވަރު

ކްލޮޕްއާއެކު ލިވަޕޫލަކީ ތައްޓަށް ވާދަކުރާނެ: ނިއުކާސަލް ކޯޗު

ޖާގަން ކްލޮޕް ލިވަޕޫލާ ހަވާލުވުމުން އެ ޓީމަކީ ތައްޓަށް ވާދަކުރާނެ ޓީމެއް ކަމަށް ނިއުކާސަލްގެ ކޯޗު ސްޓީވް މެކްލެރަން ބުނެފި އެވެ.

އޭނާ މިހެން ބުނީ އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ ނުވައެއް ޖަހާއިރު ލިވަޕޫލާ ދެކޮޅަށް ނުކުތުމުގެ ކުރިން މެޗާ ބެހޭ ގޮތުން ވާހަކަ ދައްކަމުންނެވެ.

ނިއުކާސަލް އަތުން މޮޅުވެއްޖެނަމަ އެއްވަނާގައިވާ ލެއިސެސްޓާ ސިޓީއާ ހަ ޕޮއިންޓަށް ލިވަޕޫލަށް ގާތް ކުރެވޭނެ އެވެ. މިވަގުތު ލިވަޕޫލް އޮތީ 23 ޕޮއިންޓާއެކު ހަތް ވަނާގަ އެވެ. ނިއުކާސަލް އޮތީ 20 ޓީމު ވާދަކުރާ ލީގުގެ 19 ވަނާގަ އެވެ. ލިބިފައިވަނީ 10 ޕޮއިންޓެވެ.

"އެމީހުންނަކީ ތައްޓަށް ވާދަކުރާނެ ޓީމެއް. އެމީހުން އޮތް ފޯމާއި ކުޅޭ ކުޅުމަށް ބަލާއިރު އެކަން އެނގޭ،" މެކްލެރަން ބުންޏެވެ.

އޭނާ ބުނީ ލިވަޕޫލްގެ ކޯޗުކަމާ ކްލޮޕް އޮކްޓޫބަރު މަހު ހަވާލުވެ ކުޅުނު ފުރަތަމަ ތިން މެޗުން އެއްވަރުވި ނަމަވެސް އެންމެ ފަހުން ކުޅުނު އަށް މެޗުގެ ތެރެއިން ހަ މެޗުން މޮޅުވުމަކީ ލިވަޕޫލަށް އައިސްފައިވާ ކުރިއެރުމުގެ ނިޝާނެއް ކަމަށެވެ.

އަދި ކުރީގެ ކޯޗު ބްރެންޑަން ރޮޖާސް ލިވަޕޫލަށް ވަރަށް ހުނަރުވެރި ކުޅުންތެރިން ގެނައި ކަމަށާއި ކްލޮޕް އެ ކުޅުންތެރިންގެ ފަރާތުން ނަތީޖާ ނެރެދޭން ފެށީ ކަމަށެވެ.

މެކްލެރަން އަކީ ޖަރުމަނު ބުންޑަސްލީގާގައި ވެސް ކޯޗުކޮށްދީފައިވާ މީހެކެވެ. އެކަމަކު ވުލްބުސްބާގްގައި އޭނާ ހުރިއިރު ބޮރޫޝިޔާ ޑޯޓްމުންޑްގެ ކޯޗަކަށް ހުރި ކްލޮޕް އަތުން މިހާތަނަށް އޭނާ އަށް ކާމިޔާބު ލިބިފައިނުވެ އެވެ.