ހައިކޯޓް

ގައުމީ އެއާލައިނުން 1.7 މިލިއަން ބަދަލަށް ދޭންޖެހޭ މައްސަލަ ބަލައިނުގަތް

Nov 5, 2021

ގައުމީ އެއާލައިން، މޯލްޑިވިއަން އިން އަމިއްލަ ކުންފުންޏަކަށް ދައްކަންޖެހޭ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފައިވާ 1.7 މިލިއަން ރުފިޔާގެ މައްސަލަ އިސްތިއުނާފް ކުރަން ހުށަހެޅުމުން އެ މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި އެވެ.

މޯލްޑިވިއަން ހިންގާ ކުންފުނި، އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް)ގެ މައްޗަށް 1.7 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކުރީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ.

ކޯޓުން އެ ހުކުމް ކުރީ ތ. ތިމަރަފުށި އެއާޕޯޓުގައި ކެފޭއެއް ހިންގުމަށް ސެކިއަ ގްރީން ޕްރައިވެޓް ލިމިޓެޑާ އެކު 2017 ވަނަ އަހަރު އެއްބަސްވުމުގައި ސޮއިކުރުމަށްފަހު އައިއޭއެސް އިން އެދިގެން 2019 ވަނަ އަހަރު އެއްބަސްވުން ބާތިލްކޮށް ސެކިއަ ގްރީން ކުންފުނިން ކެފޭ ހެދުމަށް ކުރި ހަރަދު އަނބުރާ ނުދިނުމުން ސެކިއަ ކުންފުނިން ދައުވާ ކުރުމާ ގުޅިގެންނެވެ.

ސިވިލް ކޯޓުގެ ހުކުމް އައިއޭއެސްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ދަށު ކޯޓުގެ ހުކުމްގައި ގާނޫނާ ހިލާފަށް ކުރި ކަމެއް އިސްތިއުނާފް މައްސަލައިގައި ބުނެދީފައި ނުވާ ކަމަށް ކަނޑައަޅައި ރަޖިސްޓްރާ އިއްޔެ ވަނީ މައްސަލަ ބަލައިނުގަތުމަށް ނިންމާފަ އެވެ.

ސުޕްރީމް ކޯޓުގެ ނިންމުމަކާ ހަވާލާދީ ހައިކޯޓުގެ ރަޖިސްޓްރާގެ ނިންމުމުގައި ބުނެފައިވަނީ އިސްތިއުނާފަށް ހުށަހަޅާ މައްސަލަތަކުގައި ދަށު ކޯޓުގެ ނިންމުމުގައި ގާނޫނީ ބަހުސެއް އޮތް ނަމަ އެކަމެއް ފާހަގަކުރަން ބުނެފައިވީ ނަމަވެސް ހުށަހެޅި މައްސަލައިގައި އެފަދަ ކަމެއް ފާހަގަކޮށްފައި ނުވާ ކަމަށެވެ.

ހައިކޯޓުގެ ރަޖިސްޓްރާ މައްސަލަ ބަލައިނުގަތުމުން އެ މައްސަލަ އިސްތިއުނާފް ކުރުމަށް ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުގެ އިހްތިޔާރު އައިއޭއެސް އަށް ލިބިގެންވެ އެވެ. ރަޖިސްޓްރާގެ ނިންމުމަށް ފަނޑިޔާރުންގެ މަޖިލީހުން ތާއީދުކޮށްފިނަމަ ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފް ކުރުމުގެ ފުރުސަތު ވެސް އައިއޭއެސް އަށް ލިބޭނެ އެވެ.