މޯލްޑިވްސް ކަސްޓަމްސް ސާވިސް

މިދިޔަ މަހު އެތެރެކުރީ 3.8 ބިލިއަން ރުފިޔާގެ މުދާ

Nov 5, 2021

ރާއްޖެ އަށް މިއަހަރު އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ މިދިޔަ އޮކްޓޫބަރު މަހު ކަމަށް ކަސްޓަމްސް އިން ހާމަކޮށްފި އެވެ.

ކަސްޓަމްސް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އޮކްޓޫބަރު މަހު ވަނީ 3.8 ބިލިއަން ރުފިޔާގެ މުދާ ރާއްޖެ އެތެރެކޮށްފަ އެވެ.

ކަސްޓަމްސް އިން ބުނީ މިދިޔަ އޮކްޓޫބަރު މަހު ރާއްޖެ އެތެރެކުރި މުދަލުގެ އަގު ހުރީ ކޮވިޑްގެ ކުރިއަށް 2019 ވަނަ އަހަރު މަހެއްގެ މައްޗަށް އެވްރެޖުކޮށް ރާއްޖެއަށް އެތެރެކުރި މުދަލާ ދާދި އެއްވަރެއްގައި ކަމަށެވެ.

ކޮވިޑްގެ ކުރިން ރާއްޖެއަށް އެވްރެޖުކޮށް މަހެއްގެ މައްޗަށް 3.7 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެ އެވެ.

މިދިޔަ އޮކްޓޫބަރުގައި ރާއްޖެއަށް އެތެރެކުރި މުދަލާ ދާދި އެއްވަރުގެ އަދަދަކަށް މުދާ އެތެރެކޮށްފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ. އެ މަހުގެ ތެރޭގައި 3.7 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ހާމަކުރެ އެވެ.

މިއަހަރު ރާއްޖެއަށް މުދާ އެތެރެކުރި އަދަދުތައް

  • ޖެނުއަރީ - 2.8 ބިލިއަން ރުފިޔާ
  • ފެބްރުއަރީ - 2.8 ބިލިއަން ރުފިޔާ
  • މާޗް - 3.5 ބިލިއަން ރުފިޔާ
  • އޭޕްރީލް - 2.9 ބިލިއަން ރުފިޔާ
  • މެއި - 3 ބިލިއަން ރުފިޔާ
  • ޖޫން - 3 ބިލިއަން ރުފިޔާ
  • ޖުލައި - 2.7 ބިލިއަން ރުފިޔާ
  • އޮގަސްޓް - 3.4 ބިލިއަން ރުފިޔާ
  • ސެޕްޓެމްބަރު - 3.6 ބިލިއަން ރުފިޔާ
  • އޮކްޓޫބަރު - 3.8 ބިލިއަން ރުފިޔާ

ކަސްޓަމްސްގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ ސެޕްޓެމްބަރު މަހު 3.6 ބިލިއަން ރުފިޔާގެ މުދާ ރާއްޖެ އެތެރެކޮށްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު މި އަދަދު އުޅެނީ 1.9 ބިލިއަން ރުފިޔާގަ އެވެ. މިދިޔަ ސެޕްޓެމްބަރު މަހު ރާއްޖެއިން ބޭރުކުރީ 328 މިލިއަން ރުފިޔާގެ މުދަލެވެ.