ހއ. ދިއްދޫ ހުޅަނގު ފަރާތު ފަޅުތެރެއަށް ވަދެ، ގެއްލުނު ރާގޮނޑި އައިނު އަލުން ހޯދައި ރާގޮނޑިތައް އެއްގަމަށް އަރުވައިފި އެވެ.
މެންދުރު ކުރިން އެރަށު ފަޅުތެރެއަށް ވަތް ރާގޮނޑި އައިނު ނިކުމެގެން ދިޔައީ ރަށުގެ ބައެއް ރައްޔިތުން ނިކުމެ މަސް ހިފޭތޯ މަސައްކަތް ކުރަމުން ދަނިކޮށެވެ. އެވަގުތު ރަށަށް ދިޔައީ ވަރަށް ބޯކޮށް ވާރޭ ވެހެމުންނެވެ. ރާގޮނޑިތައް އެވަގުތު އެއްގަމަށް ނޭރުވުނީ ނިކުތް މީހުން މަދު ކަމުންނާއި ވިއްސާރަވުމުން ކަމަށް ކައުންސިލް ރައީސް އަބްދުﷲ ރަޝީދު އަވަސް އަށް ވިދާޅުވި އެވެ.
އެހެންވެ އެ ވަގުތު ހިފުނީ 50 ވަރަކަށް ރާގޮނޑި އެވެ. ނަމަވެސް ފަހުން އެރަށުގެ ބައެއް މީހުން ރަށުގެ ފަޅުން ބޭރަށް ރާގޮނޑި އައިނު ދަނިކޮށް، ހޯދައި އެއްގަމަށް އެރުވީ އެވެ.
ދިއްދޫ މީހަކު ބުނި ގޮތުގައި މަސް އައިނު ތޮށިގަނޑުގެ ބޭރަށް ދިޔަ ކަމަށާއި އެއްގަމަށް ގެންނަން ތިން ގަޑިއެއްހާއިރު މޫދަށް އެރިގެން މަސައްކަތް ކުރަން ޖެހުނު ކަމަށެވެ.
ދިއްދޫގެ ގޮނޑުދޮށް މިހާރު ފުރިފައި އޮތީ އެއްގަމަށް އެރުވި ރާގޮނޑި ތަކުންނެވެ. ދިއްދޫ މީހަކު ބުނީ 10،000 އާ ގާތްކުރާ އަދަދަކަށް ރާގޮނޑި އެއްގަމަށް އަރުވާފައިވާ ކަމަށެވެ.
"މިއީ ވަރަށް އުފާވެރި މަންޒަރެއް. ފުރަތަމަ އަޅުގަނޑުމެން އަތުން މަސް އައިން ގެއްލުނީ. އެކަމަކު އަނެއްކާވެސް ރަށު ރައްޔިތުންގެ ހިތްވަރުން މިހާރު މިއޮތީ ގޮނޑުދޮށަށް ގެނެސްފަ. ރަށަށް މިއޮތީ އީދެއް އައިސްފަ،" ދިއްދޫ ރައްޔިތަކު ބުންޏެވެ.
ރަށްރަށުގެ ފަޅުތެރެއަށް ކަނޑުމަހުގެ ތެރޭގައި ހިމެނޭ ލައްޓި، ރާގޮނޑިފަދަ ބާވަތްތަކުގެ އައިނުތައް ދޭތެރެދޭތެރެއިން ވަދެ އުޅެ އެވެ. އަދި އެހެން ވަންނަ މަސް އައިނުތައް ރައްޔިތުން ނިކުމެ ހިފައިގެން ރަށުގެ ހުރިހާ ގެއަކަށް ބަސް ބެހުމަކީ ބައެއް ރަށްރަށުން ފެންނަ ރީތި އާދައެކެވެ.