ހަބަރު

ބޮޑުފޮޅުދޫގައި ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މަނާކޮށްފި

އއ. ބޮޑުފޮޅުދޫ ކައުންސިލާއި ގެސްޓް ހައުސް މޯލްޑިވްސް ކިޔާ ޖަމްއިއްޔާއެއް ގުޅިގެން އެރަށުގައި ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މިއަދުން ފެށިގެން މަނާކޮށްފި އެވެ.

އެރަށު ކައުންސިލްގެ ރައީސް ޝުޖާއު އާދަމް ވިދާޅުވީ އަންނަ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެރަށުގެ ހުރިހާ ފިހާރަތަކުން ޕްލާސްޓިކް ކޮތަޅުތައް ނަގާނެ ކަމަށެވެ. އަދި ބާޒާރު ކުރަން އަންނަ އިރު، ބޭނުން ކުރުމަށް ރަށުގެ މީހުން ދިރިއުޅޭ ހުރިހާ ގެއަކަށް ފޮތިކޮތަޅު ބަހަން ނިންމާފައިވާ ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ ރައްޔިތުންނަށް އެމީހުން އަމިއްލަ އަށް ތައްޔާރުކުރާ ފޮތިކޮތަޅުވެސް ބޭނުން ކުރެވިދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް މުސްތަގުބަލުގައި ޕްލާސްޓިކް ކޮތަޅު ބޭނުންކުރާ ފަރާތްތައް ޖޫރިމަނާ ކުރުމުގެ ވިސްނުމެއް ވެސް ގެންގުޅޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިކަމަކީ ރަށުގެ މޫދާއި ގޮނޑުދޮށް އަދި ޕާކު ކަހަލަ ތަންތަނުން ޕްލާސްޓިކް ކޮތަޅު ނައްތާލައި އެތަންތަނުގެ ހިތްގައިމުކަން އެންމެ ފުރިހަމަ ގޮތުގައި ދައްކާލުމަށް ކުރާ ކަމެއް. ކުރިއަށް އޮތްތާގައި އެއްވެސް މީހަކު ޕްލާސްޓިކް ކޮތަޅު ބޭނުންކުރޭތޯ ބަލައި މޮނިޓާ ކުރެވޭނެ. ރާއްޖޭގައި ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މަނާކުރި ފުރަތަމަ ރަށަކީ ބޮޑުފޮޅަދޫ. އެހެން ރަށްތަކުންވެސް ނަމޫނާ ލިބިގަންނާނެ ކަމަށް އުއްމީދުކުރަން" ޝުޖާއު ވިދާޅުވި އެވެ.

މިކަމާއ ގުޅޭގޮތުން ގެސްޓް ހައުސް މޯލްޑިވްސް ބުނެފައިވަނީ މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓާލައި ރާއްޖެ އަކީ ޕްލާސްޓިކް ކޮތަޅާ ދުރުހެލި ގައުމަކަށްވުމުގެ އަދި ގޮނޑުދޮށްތައް ރީތިކަންމަތީ ދަމަހައްޓައި މޫދާއި ކަނޑުތަކުގެ ދިރުންތައް ހިމާޔަތްކުރާ ގައުމަކަށް ރާއްޖެވާނެ ކަމަށް ވެސް ވިދާޅުވި އެވެ.