ސްރީލަންކާ

ފޯނޭޝަންސް ކަޕް: ޓިކެޓްގެ އަގު 3000 ރުޕީސްއަށް ކުޑަކޮށްފި

ސްރީލަންކާގައި މާދަމާ ފެށުމަށް ހަމަޖެހިފައިވާ ފޯ ނޭޝަންސް އިންޓަނޭޝަނަލް ޓޯނަމަންޓްގެ ފުރަތަމަ މެޗުގައި ރާއްޖެ އާއި ލަންކާ ބައްދަލުކުރާ މެޗުގެ ޓިކެޓް ވިއްކަން ނިންމި އަގަށް ބަދަލު ގެނެސްފި އެވެ.

ފޯނޭޝަންސް ކަޕްގައި ބައިވެރިވާނީ ހަތަރު ޓީމެކެވެ. އެގޮތުން މިފަހަރުގެ މުބާރާތުގައި ވާދަ ކުރާނީ ލަންކާ، ރާއްޖެ، ބަންގްލަދޭޝް އަދި ސީޝެލްސް އެވެ.

ލަންކާގެ ފުޓްބޯޅަ އިދާރާއިން ރޭ ބުނީ ރާއްޖެ އާއި ލަންކާ ބައްދަލުކުރާ މެޗުގެ ޓިކެޓް މިއަދު ހަވީރު ވިއްކަން ފަށާނެ ކަމަށެވެ.

ޓިކެޓް ވިއްކާނީ ލަންކާގައި ހުންނަ ދިވެހި އެމްބަސީންނާއި މޯލްޑިވްސް ކޮމިއުނިޓީ ސެންޓަރުންނެވެ. މިއަދާއި މާދަމާވެސް އެ މެޗުގެ ޓިކެޓް ވިއްކާނެ އެވެ. މިއަދު ޓިކެޓް ވިއްކާނީ ހަވީރު ތިނަކުން ހަޔަކަށެވެ. އަދި މާދަމާ ހެނދުނު 11 އިން މެންދުރު ފަހު ދޭއް ޖަހަންދެނެވެ.

އެ އިދާރާއިން ބުނި ގޮތުން ދިވެހިންނަށް ވިއްކާނީ ކަނޑައެޅޭ ވަކި އަދަދެއްގެ ޓިކެޓެވެ. ނަމަވެސް އެއީ ކިހާ އަދަދެއް ކަމެއް ނުބުނެ އެވެ.

މުބާރާތުގެ މެޗުތަކުގެ ޓިކެޓް ލަންކާގެ ރައްޔިތުންނަށް 200 ރުޕީސްއަށް ވިއްކި ނަމަވެސް ރާއްޖެ ހިމެނޭހެން އެހެން ގައުމުތަކުގެ ސަޕޯޓަރުންނަށް ޓިކެޓް ވިއްކަން ނިންމާފައިވަނީ 5،000 ރުޕީސްއަށެވެ.

އެ އަގު ބޮޑުވުމުގެ ސަބަބުން ދިވެހިންގެ ބޮޑު އާބާދީއެއް އޮތް ލަންކާގައި ދިރިއުޅޭ ދިވެހިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިނިސްޓަރު މަހުލޫފް ދެންމެ ވިދާޅުވީ ރައީސް ސޯލިހުގެ އެދިވަޑައިގަތުމަކަށް ޓިކެޓްގެ އަގާ ގުޅޭގޮތުން ލަންކާގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސްއާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި ދިވެހިންނަށް 3،000 ރުޕީސްއަށް ޓިކެޓް ވިއްކަން މިހާރު ނިންމާފައިވާ ކަމަށެވެ.

ސާފް ޗެންޕިއަންޝިޕްގެ ހިތްދަތި ހަނދާންތައް ނައްތާލަން މި މުބާރާތަކީ ރާއްޖެއަށް ލިބޭނެ ރަނގަޅު ފުރުސަތެއް ކަމަށް ދިވެހި އެފްއޭއިން ދެކެ އެވެ. މުބާރާތުގައި ކުޅެން ރާއްޖޭގެ ގައުމީ ޓީމު މިހާރު ތިބީ ލަންކާގަ އެވެ.