ހަބަރު

ނާސިރާގެ މިލްކިއްޔާތުގެ ބޮޑު ބައެއް ޓައިނީ ހާޓްސް އަށް ހަދިޔާކޮށްފި

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އަށް ވަނަ ދުވަހު މަރުވި، ނާސިރާ އަބްދުﷲ ގެ ވާރުތަ މުދަލުން ލައްކައަކަށް ވުރެ ގިނަ ފައިސާ ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމްއިއްޔާއެއް ކަމަށްވާ، ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އަށް ހަދިޔާކޮށްފި އެވެ.

މިކަމާއި ބެހޭގޮތުން ޓައިނީ ހާޓްސް އިން ބުނީ ނާސިރާގެ ނަމުގައި އެފައިސާ އެޖަމިއްޔާ އަށް ހަދިޔާކޮށްފައިވަނީ ނާސިރާގެ ދެ ވާރިސުންގެ ތެރެއިން އެކަކު ކަމަށެވެ. ޓައިނީ ހާޓްސް އިން ބުނީ މިމަހުގެ ދެވަނަ ދުވަހު އެޖަމިއްޔާ އަށް ނާސިރާގެ ވާރުތަ ފައިސާއިން 121،638 ހަދިޔާކޮށްފައިވާ ކަމަށެވެ.

ނާސިރާގެ ވާރިސުންގެ ވަކީލްވަނީ މީގެ ކުރިން ނާސިރާގެ ފައިސާތައް ކުޑަކުދިންގެ ހިޔާއަށް ނުވަތަ އަމިއްލަ ޖަމިއްޔާއަކަށް ހަދިޔާ ކުރާނެ ކަމަށް ބުނެފަ އެވެ. ނާސިރާ މަރުވި އިރު އޭނާގެ މިލްކިއްޔާތުގައި، ސިލޯނު ބޭންކުގެ އެކައުންޓެއްގައި ޖުމްލަ 446،555 ރުފިޔާ 93 ލާރި ހުއްޓެވެ.

އުމުރުން 57 އަހަރުގައި ނާސިރާ މަރުވި އިރު އޭނާ ދިރިއުޅެމުން ދިޔައީ މަގުމަތީގަ އެވެ. އެހެން ނަމަވެސް އޭނާ އަކީ ހުސްފުޅު ހުސްކޮށްގެންނާއި އެކި މަސައްކަތްތައް ކޮށްގެން ގިނަ އަދަދަކަށް ފައިސާ ހޯދަމުން އައި މީހެކެވެ.