ދުނިޔެ

އަރަބި ލީގުގެ ވަފުދެއް ބޭރޫތުގައި، ގަލްފް މަޝްރަހު ފިނިކުރަނީ

ލުބްނާންއާ ގަލްފުގެ ގައުމުތަކާ ދެމެދު އުފެދިފައި ހުރި މައްސަލަތަކަށް ހައްލެއް ހޯދުމުގެ މަގުސަދުގައި އަރަބި ލީގުގެ ވަފުދެއް ހޯމަ ދުވަހު ބޭރޫތަށް ވަޑައިގެންފި އެވެ.

އަރަބި ލީގުގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ހުޝާމް ޒަކީ ވިދާޅުވި ގޮތުގައި އުންމީދަކީ އަރަބި ގައުމުތަކާ މެދު ލުބްނާނުން ދެކޭ ގޮތް ވަރަށް ރަނގަޅަށް ސާފުވުމެވެ.

ލުބްނާންގެ ރައީސް މިޝޭލް އައުންއާ ބައްދަލު ކުރެއްވުމަށް ފަހު ޒަކީ ވިދާޅުވި ގޮތުގައި ލުބްނާންއާ އެކު އަރަބި ގައުމުތަކުން ވަރަށް ރަނގަޅު ގުޅުމެއް ބާއްވަން ޖެހެ އެވެ. އިތުރު ތަފުސީލެއް ނުދެއްވައި އޭނާ ވިދާޅުވީ މިޝޭލް އައުންއާ އެކު އިޚްލާސްތެރި ވާހަކަތަކެއް ދެކެވުނު ކަމަށެވެ.

އަރަބި ލީގު އޮފިޝަލުން ވިދާޅުވި ގޮތުގައި ލުބްނާންގެ ބޮޑުވަޒީރު ނަޖީބް މިގާތީއާ ވެސް ވަނީ ބައްދަލު ކުރައްވާފަ އެވެ. އަދި ގާނުންހަދާ މަޖިލީހުގެ ރައީސް އާއި ބައެއް މެމްބަރުންނާ ވެސް ބައްދަލު ކުރައްވާނެ އެވެ.

ޒަކީ ވިދާޅުވީ ލުބުނާންއާ އަރަބި ގައުމުތައް އެއްގަލަކަށް އެރުވުމަކީ އަރަބި ލީގުގެ އަމާޒު ކަމަށެވެ. އޭނާ އަދި ވިދާޅުވީ ވަފުދުގެ މަގުސަދަކީ މިހާރު އޮތް ހާލަތުން ސަލާމަތްވެވޭނެ މަގެއް ހޯދުން ކަމަށެވެ.

ލުބްނާންއާ އަރަބި ގައުމުތަކުގެ މެދުގައި މިހާރު އުފެދިގެން އުޅޭ މައްސަލަ ފެށުނީ ލުބްނާންގެ އިންފޮމޭޝަން މިނިސްޓަރު ޖޯޖް ކަރުދާހީ ހޫތީންނަށް ތާއީދު ކުރައްވައި އަދި ސައޫދީ ކޯލިޝަނަށް ބަދުބަސް ވިދާޅުވެ ދެއްކެވި ވާހަކަތަކެއްގެ ސަބަބުންނެވެ.

ކަރުދާހީ ވިދާޅުވީ ޔަމަނުގައި ހޫތީން އެކުރަނީ ހައްގު ޖިހާދެއް ކަމަށާއި އެއީ އަމިއްލަ ނަފުސާއި ވަތަންގެ ދިފާއުގައި ހޫތީންވާ ގުރުބާނީއެއް ކަމަށެވެ. އަދި ސައުދީއާ ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި ބަހްރޭނުން ކުރަނީ ބޭކާރު ހަނގުރާމައެއް ކަމަށެވެ.

ކަރުދާހީ ދެއްކެވި ވާހަކަތަކަށް ނުރުހުން ފާޅުކުރުމުގެ ގޮތުން ސައުދީއާ ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި ކުވައިތު އަދި ބަހްރޭނުން ވަނީ ލުބުނާނުގައި ތިބި އެ ގައުމުތަކުގެ ސަފީރުން އަނބުރާ ގައުމަށް ގެންގޮސްފަ އެވެ.

ލުބްނާންއާ ހެދި އުދާސްވެފައި އޮތް މަޝްރަހު ތައްކަތު ކުރުމަށް އެހީތެރިވުމުގެ ގޮތުން އިސްތިއުފާ ދެއްވަން ކަރުދާހީއަށް ނަަސޭހަތްތެރިވި ނަމަވެސް އޭނާ ވަނީ އިސްތިއުފާ ދެއްވަން ދެކޮޅު ހައްދަވާފަ އެވެ.