ބަދަލުދޭން ނުޖެހޭ ގޮތަށް ކޮންޓްރެކްޓްތައް ހަދަން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ގޮވާލައްވައިފި އެވެ.
އިމްތިޔާޒް މިފަދައިން ގޮވާލެއްވީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށް ދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުން ނެވެ.
އިމްތިޔާޒް ވިދާޅުވީ މިހާރު ކޮންޓްރެކްޓްތައް ހަދާފައި ހުންނަލެއް ބަލިކަށިކަމުން ދައުލަތުން ބަދަލުދާން ޖެހޭ އަދަދުތައް އިންތިހާއަށް އިތުރުވެ ދައުލަތް ދަރާ ހިސާބަށް ގޮސްފައިވާ ކަމަށާއި އެހެންކަމުން ކޮންޓްރެކްޓްތައް ހަދާއިރު ކުރިއަށް ވުރެ ބޮޑަށް ފަރުވާތެރިވާން ޖެހޭ ކަމަށެވެ.
އެކަންކަމަށް ރިއާޔަތްކޮށް އިމްތިޔާޒް ގޮވާލެއްވީ ބާގަނޑުތައް ނުހުންނަ ގޮތަށް ކޮންޓްރެކްޓްތައް ހެދުމަށް އިމްތިޔާޒް ގޮވާލެއްވި އެވެ.
"ބަދަލުދީ ނަގާއިރު ބަދަލުނަގައިދެވޭނެ ނޫން ގޮތެއް އެ ކޮންޓްރެކްޓްތަކަށް ގެންނަން ޖެހޭނެ ކަމަށް އަޅުގަނޑު ދެކެން.
އާބިޓްރޭޝަނަށް ދާ މައްސަލަތަކުގައިވެސް ސަރުކާރުން ދައުލަތް ކާމިޔާބުވާނެ ގޮތަކަަށް ފަރުވާތެރިކަމާއެކު މަސައްކަތް ކުރެއްވުމަކީ ކޮންމެހެން މުހިންމުކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެން." އިމްތިޔާޒް ވިދާޅުވި އެވެ.
އެކި އެކި ކޮންޓްރެކްޓްތައް އުވާލުމުން ބޮޑެތި ބަދަލުތައް މި ސަރުކާރުން ވަނީ ދީފައެވެ. އެގޮތުން ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް (ނޫމަޑި)އާ ހަވާލުކުރި ދެ އެއްބަސްވުމެއް ގާނޫނާ ހިލާފަށް ކުރީގެ ސަރުކާރުން އުވާލުމުގެ ބަދަލެއްގެ ގޮތުގައި ދިން 55 މިލިއަން ޑޮލަރުގެ ބަދަލެއް ދިނެވެ.
އޭގެ އިތުރުން ހަތަރު އަތޮޅެއްގައި ފެރީގެ ނިޒާމު ގާއިމުކުރުމަށް ދީބާޖާ އިންވެސްޓްމަންޓް ކުންފުންޏާ 2010 ވަނަ އަހަރު ހަވާލުކުރި ކޮންޓްރެކްޓް އުވާލުމުން ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުން ހުކުމް ކުރި އެވެ. ނަމަވެސް ހައިކޯޓުން އެ ހުކުމް ބާތިލުކުރުމުން މިހާރު އެ މައްސަލަ އޮތީ ސުޕްރީމް ކޯޓުގަ އެވެ.