ސިވިލްސާވިސް ކޮމިޝަން

އިސްލާހަށް ބަދަލެއް ނުގެންނާނެ: ސީއެސްސީ

Nov 10, 2021

ސިވިލް ސާވިސް ކޮމިޝަންގެ މުވައްޒަފުން ރަސްމީ މަސައްކަތުގައި އުޅެމުން ސިޔާސީ ކަންކަމުގައި ބައިވެރިވެއްޖެނަމަ ފިޔަވަޅު އެޅޭގޮތަށް ގަވައިދަށް ގެނައި އިސްލާހަށް މިވަގުތު އިތުރު އިސްލާހެއް ގެނައުމަށް ނިންމާފައި ނުވާ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނެފި އެވެ.

ސިވިލް ސާވިސް ގަވައިދަށް ގެނައި އައްވަނަ އިސްލާހު މިމަހުގެ ހަތަރުވަނަ ދުވަހު ގެޒެޓް ކުރުމާ އެކު ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން ކޮމިޝަނަށް އަމާޒުވި އެވެ.

އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ މަސައްކަތުގެ ރަސްމީ އަދި ނުރަސްމީ ގަޑީގައިވެސް ރަސްމީ މަސައްކަތެއް ކުރަމުން ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރިވެއްޖެނަމަ ފިޔަވަޅު އަޅާ ގޮތަށް ގަވައިދުގައި ހިމަނާފައިވާތީ އެވެ.

ގަވައިދަށް ފަހުން ގެނެވުނު އިސްލާހުގައި ވަޒީފާ އިން ވަކިކުރެވޭނެ ގޮތްތައް

  • މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމާއި ހިދުމަތް ދިނުމުގައި ސިޔާސީ އެއްވެސް ތައައްސުބެއް ގެންގުޅުން
  • މަސައްކަތުގެ ރަސްމީ އަދި ނުރަސްމީ ގަޑީގައިވެސް ރަސްމީ މަސައްކަތެއް ކުރަމުން ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރިވުން
  • މަގާމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކަށް ހުރަސް އެޅޭ ގޮތަށް ނުވަތަ ވަކިފަރާތަަކަށް ޖެހިފައިވާކަން ދޭހަވާ ގޮތަށް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުން

ގަވައިދަށް އެންމެ ފަހުން ގެނެވުނު އިސްލާހުތަކާ އެކު އަމާޒުވަމުންދާ ފާޑުކިޔުންތަކާ ގުޅިގެން އަވަސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ސީއެސްސީގެ ނައިބް ރައީސް އިބްރާހީމް ރަޝީދު ވިދާޅުވީ އެ ކޮމިޝަނުން ސިވިލް ސާވިސް ގަވައިދަށް ގެނައި އިސްލާހަކީ މުޅިން އަލަށް ގެނެސްފައިވާ އިސްލާހުތަކެއް ނޫން ކަމަށެވެ. އެ ކޮމިޝަނުން ކުރި ކަމަކީ ގަވައިދުގައި ކުރިން ހުރި މާއްދާތަކުން މުވައްޒަފުންނަށް ލިބިދޭ ހައްގުތައް އިތުރަށް ފުޅާކޮށްދީ، ބައެއް މާއްދާތައް ހުރި ގޮތް އިތުރަށް ސާފުކޮށްދިނީ ކަމަށެވެ.

ރަޝީދު ވިދާޅުވި ގޮތުގައި ކުރީގެ ގަވައިދު އޮތީ ރަސްމީ ގަޑިވިޔަސް އަދި ނުރަސްމީ ގަޑިވިޔަސް ސިވިލް ސާވަންޓަކު ސިޔާސީ ކަމެއްގައި ބައިވެރިވެއްޖެނަމަ ފިޔަވަޅު އެޅޭ ގޮތަށް ކަމަށެވެ. ނަމަވެސް މިހާރު ގަވައިދު އޮންނާނީ ރަސްމީ ގަޑީގައި ސިޔާސީ މަސައްކަތް ކުރުމުން އެކަނި ފިޔަވަޅު އެޅޭ ގޮތަށް ކަމަށެވެ. ނުރަސްމީ ގަޑީގައި ސިޔާސީ ކަމެއް ކޮށްގެން ފިޔަވަޅު އެޅޭނީ ހަމައެކަނި ރަސްމީ މަސައްކަތެއްގެ ތެރެއިން ސިޔާސީ ކަމެއް ކޮށްފިނަމަ އެކަނި ކަމަށްވެސް ވިދާޅުވި އެވެ.

"މިސާލަކަށް މުވައްޒަފަކު ހުރީ ޗުއްޓީގައި. އެ ވަގުތު އޭނާ އެ ހުރީ ރަސްމީ މަސައްކަތެއްގައި ކަމަށް ނުވާތީ އޭނާގެ ޗުއްޓީގެ ތެރޭގައި ގަވައިދު މިހާރު އޮތް ގޮތުން ސިޔާސީ މަސަައްކަތް ކުރެވޭނެ. އެކަމަކު މިސާލަކަށް ރަސްމީ ގަޑި ނިމުނު ފަހުން މުވައްޒަފަކު ކުރަމުން ދިޔައީ ރަސްމީ މަސައްކަތްތަކެއް. އެކަމުގެ ތެރޭގައި އުޅެމުން އެ ހާލަތުގައި އޭނާ އަށް ސިޔާސީ ކަމެއް ނުކުރެވޭނެ،" ރަޝީދު ވިދާޅުވި އެވެ.

ސިވިލް ސާވިސް ގަވައިދަށް މިދިޔަ ބުރާސްފަތި ދުވަހު އިސްލާހު ގެނެސްފައިވަނީ ސިވިލް ސާވިސް މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމުން ފިޔަވަޅު އެޅޭ ގޮތަށެވެ. އެގޮތުން ފުރަތަމަ ދަރަޖައިގެ ކުށެއް ކޮށްފި ނަމަ އަނގަބަހުން ނުވަތަ ލިޔުމުން ނަސޭހަތް ދެވޭއިރު ދެވަނަ ދަރަޖައިގެ ކުށެއް ކޮށްފިނަމަ ލިޔުމުން އިންޒާރު ދެވޭނެ އެވެ. އަދި ތިންވަނަ ދަރަޖައިގެ ކުށެއް ކޮށްފި ނަމަ މަގާމު ދަށްކުރެވޭ ގޮތަށް އަޅާނެ ފިޔަވަޅުތަކެއް ފަހުގެ އިސްލާހުގައި ވަނީ ހިމަނާފަ އެވެ.

ސިވިލް ސާވިސްގެ ގާނޫނު 2007 ވަނަ އަހަރު އެންމެ ފުރަތަމަ ވުޖޫދަށް އައި އިރުވެސް ސިވިލް ސާވިސްގެ މުވައްޒަފުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން އޮތީ މަނާކޮށްފަ އެވެ. އެގޮތުން އޭރު ގާނޫނުގެ 53 ވަނަ މާއްދާގައި ބުނެފައިވަނީ "ދިވެހި ސިވިލް ސާވިސްގައި ހިމެނޭ އެއްވެސް މުވައްޒަފަކަށް ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރިއެއް ނުވެވޭނެ" ކަމަށެވެ. ނަމަވެސް ކުރިން ޔޫތު މިނިސްޓްރީގެ މުވައްޒަފެއްގެ ގޮތުގައި ހުންނެވި އެމްއެންޕީގެ މިހާރުގެ ޑެޕިއުޓީ ރަޖިސްޓްރާ މުހައްމަދު ހާނިމު ސިޔާސީ ހަރަކާތެއްގައި ބައިވެރިވެ ވަޒީފާ އިން ވަކިކުރުމާ ގުޅިގެން އޭނާ ކޯޓަށް ހުށަހެޅި މައްސަލާގައި ސުޕްރީމް ކޯޓުން ވަނީ ސެޕްޓެމްބަރު 21، 2011 ގައި ގާނޫނުގެ 53 ވަނަ މާއްދާ ބާތިލުކޮށްފަ އެވެ. އެހެންވެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ސިވިލް ސާވިސްގެ ގާނޫނުގެ 53 ވަނަ މާއްދާ 2015ގައި އިސްލާހުކޮށްފަ އެވެ. އޭރު އިސްލާހު ކުރީ ވެސް ސިވިލް ސާވިސްގެ މުވައްޒަފުންނަށް ސިޔާސީ ހަރަކާތްތަކުގައި އަމަލީގޮތުން އުޅުން މަނާވާ ގޮތަށެވެ. އެކަމަކު އަޅާނެ ފިޔަވަޅު ތަކެއް އޭރު ގާނޫނުގައި ހިމަނާފައެއް ނުވެ އެވެ.

ގާނޫނުގެ 53 ވަނަ މާއްދާއަށް 2015 ގައި ގެނައި އިސްލާހުގައި މަނާކުރާ ކަންކަން

  • މަގާމުގެ ހައިސިއްޔަތާއި މަސްއޫލިއްޔަތުގެ ގޮތުން ހިދުމަތް ދިނުމުގައި ސިޔާސީ އެއްވެސް ތައައްސުބެއް ގެންގުން
  • ސިވިލް ސާވިސްގައި ވަޒީފާގައި ހުންނައިރު ސިވިލް ސާވިސް ގާނޫނާއި ގަވައިދު މަނާކުރާ ސިޔާސީ ޕާޓީއެއްގެ މަގާމެއް ފުރުން
  • މަސައްކަތުގެ ރަސްމީ އަދި ނުރަސްމީ ގަޑީގައިވެސް ރަސްމީ މަސައްކަތެއް ކުރާނަމަ ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރިވުން
  • މަގާމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކަށް ހުރަސް އެޅޭ ގޮތަށް ނުވަތަ ވަކިފަރާތަަކަށް ޖެހިފައިވާކަން ދޭހަވާ ގޮތަށް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުން
  • މަގާމުގެ ހައިސިއްޔަތުން ލިބޭ ބާރެއް ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވިޔަސް ބޭނުންކޮށްގެން އެއްވެސް ފަރާތެއްގެ ސިޔާސީ ހަރަކާތަކަށް ބާރު ފޯރުވުން ނުވަތަ ނުފޫޒު ފޯރުވުން

ރަޝީދު ވިދާޅުވީ ރަސްމީ މަސައްކަތުގެ ބޭރުން ސިޔާސީ ޕާޓީ ތަކުގެ މަގާމުތައް ފުރުމަށް ވެސް ސިވިލް ސާވިސް މުވައްޒަފަަކަށް މިވަގުތު އެއްވެސް ހުރަހެއް ނެތް ކަމަށެވެ. ނުރަސްމީ މަސައްކަތުގައި ސިޔާސީ ހަރަކާތްތަކުގައި އުޅުމާއި ޕާޓީ ތަކުގެ މަގާމުތައް ފުރުން ސިިވިލް ސާވިސް ގަވައިދުގައި މަނާ ކަމެއްގެ ގޮތުގައި މިހާރު ލިޔެފައި ނޯންނާނެ ކަމަށްވެސް ވިދާޅުވި އެވެ.

އިބްރާހީމް ރަޝީދު އިތުރަށް ވިދާޅުވީ ސިވިލް ސާވިސްގެ ގަވައިދަށް އެންމެ ފަހުން ގެނައި އިސްލާހަކީ ހުރިހާ ގޮތަކުން ވެސް ސިވިލް ސާވިސް މުވައްޒަފުންނަށް ފަސޭހަކޮށް އޮތް އިސްލާހު ތަކަކަށް ވާތީ އެ އިސްލާހުތައް މިވަގުތު އިތުރަށް އިސްލާހު ނުކުރާނެ ކަމަށެވެ.

"ހަގީގަތުގައި އަޅުގަނޑުމެން އެންމެ ފަހުން ގެނައި އިސްލާހު އެއީ އަލަށް ގެނައި އިސްލާހު ތަކެއް ކަމަށް ހީވެގެން ބައެއް ބޭފުޅުންނަށް އޮޅުން އެރީ. އެކަމަކު ގަވައިދު ކުރިން އޮތް ގޮތާއި މިހާރު އިސްލާހުތައް ހުރި ގޮތް ބަލާލީމާ ހުރިހާ ބޭފުޅުންނަށް ވެސް ސާފު ވާނެ މިހާރު އޮތީ މުވައްޒަފުންނަށް މާފަސޭޙަކޮށް ކަން،" ރަޝީދު ވިދާޅުވި އެވެ.