އެމްއޭސީއެލް

އެމްއޭސީއެލްގެ އެމްޑީ މަގާމުން ވަކިކޮށްފި

Nov 10, 2021
1

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޗީފް އެގްޒެކްޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ގޯޑަން އެންޑްރޫ މިއަދު މަގާމުން ވަކިކޮށްފި އެވެ.

އެމްއޭސީއެލްގެ އެމްޑީގެ މަގާމަށް މިދިޔަ އަހަރުގެ ޖޫން މަހުގެ 28 ވަނަ ދުވަހު އައްޔަންކުރި ގޯޑަން މަގާމުން ވަކިކޮށްފައިވާ ކަން އެމްއޭސީއެލް އިން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ.

އެމްއޭސީއެލް އިން ބުނީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އެންޑްރޫ އެ މަގާމުން ވަކިކުރީ ޕްރައިވެޓައިޒޭޝަން ބޯޑުން އަންގައިގެން ކަމަށެވެ.

އެންޑްރޫ މަގާމުން ވަކިކުރި ވަކި ސަބަބެއް އެމްއޭސީއެލް އިން ހާމައެއް ނުކުރެ އެވެ.

އިނގިރޭސިވިލާތަށް ނިސްބަތްވާ އެންޑްރޫ އަކީ އޭވިއޭޝަން ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައިވާ ބޭފުޅެކެވެ. އެގޮތުން އެކި ގައުމުތަކުގައި ވައިގެ ދަތުރުފަތުރުގެ ދާއިރާގައި 30 އަހަރަށް ވުރެ ގިނަ ދުވަހު އެންޑްރޫ މަސައްކަތް ކުރައްވާފައިވެ އެވެ.

އެންޑްރޫ ވަނީ ޔޫރަޕާއި، މެދުއިރުމަތި، އުތުރު އެފްރިކާ، އޭޝިއާ އަދި އުތުރު އެމެރިކާގެ އެކި ގައުމުތަކުގައި މަސައްކަތް ކުރައްވާފަ އެވެ.

އެމްއޭސީއެލްގެ ސީއީއޯ މިއަދު މަގާމުން ވަކިކޮށްފައިވާއިރު މިއަދު ވަނީ އެމްއޭސީއެލްގެ ޗީފް އޮޕަރޭޝަންސް އޮފިސަރުގެ މަގާމަަށް ވެސް ބޭފުޅަކު އައްޔަންކުރައްވާފަ އެވެ. އެގޮތުން އެ މަގާމަށް އައްޔަންކުރައްވާފައިވަނީ އެއާޕޯޓްތައް ހިންގެވުމުގައި ދާއިރާގައި 20 އަހަރު ހޭދަކުރައްވާފައިވާ ޑެރަން ވިލިއަމްސް އެވެ.

އިނގިރޭސިވިލާތަށް ނިސްބަތްވާ ޑެރަން އެމްއޭސީއެލްއާ ގުޅުމުގެ ކުރިން މަސައްކަތް ކުރެއްވީ ދުނިޔޭގައި ވެސް އެންމެ ބާރުބޮޑު އެއް އެއާޕޯޓް ކަމުގައިވާ ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުގަ އެވެ. ޑެރަން ވަނީ އިނގިރޭސިވިލާތުގެ އެބަަޑީން އަދި ލަންޑަން ސްޓޭންސްޓެޑް އިންޓަނޭޝަނަލް އެއާޕޯޓުގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.