އަލިފާން

ފުވައްމުލަކު ގެއެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް

Nov 11, 2021

ފުވައްމުލަކު ގެއެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

އަލިފާން ރޯވީ މިއަދު ހެނދުނު 10:40 ހާއިރު ފުވައްމުލަކު ހޯދަނޑު އަވަށު ވަނަވަރު ކިޔާ ގެއެއްގަ އެވެ.

އާންމު ރައްޔިތުންނާއި ސިފައިންގެ މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ ގާތްގަނޑަކަށް 10:55 ހާއިރު އެވެ.

ސިފައިންގެއިން ބުނީ އަލިފާނުގެ މިހާދިސާ ހިނގީ ފާހާނާއެއްގައި ހަރުކޮށްފައި ހުރި ޑިމަރެއްގައި ރޯވެގެން ކަމަށް ބެލެވޭ ކަމަށެވެ.

އަލިފާނުގެ މިހާދިސާއާ ގުޅިގެން ވަނަވަރު ގެއަށް ލިބުނު ގެއްލުންތަކުގެ މައުލޫމާތު ސާފުކުރުމަށް ފުވައްމުލަކު ސިޓީ ކައުންސިލްގެ ބައެއް ބޭފުޅުންނަށް ގުޅި ނަމަވެސް ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.

ސިފައިންގެއިން މީޑިއާ އަށް ފޮނުވާފައިވާ ފޮޓޯ ތަކަށް ބަލާއިރު އަލިފާން ރޯވި ގެއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ހުރިކަން ފާހަގަކުރެ އެވެ. އެގޮތުން އެގޭގައި ހިފާ ގެންގުޅޭ ސާމާނުތަކަށާއި އިމާރާތުގެ ފާރުތަކާއި ސީލިންގަށް ބޮޑެތި ގެއްލުންތަކެއް ހުރީ ލިބިފަ އެވެ.