ދުނިޔެ

މަންޑޭލާ މިނިވަން ކުރެއްވި ޑީ ކްލާކް އަވަހާރަވެއްޖެ

ދެކުނު އެފްރިކާގެ ކުރީގެ ރައީސް އެފްޑަބްލިޔު ޑީ ކްލާކް އަވަހާރަވެއްޖެ އެވެ. އޭނާ މަޝްހޫރުވެފައި ވަނީ ނެލްސަން މަންޑޭލާ ޖަލުން ނެރެ މިނިވަންކުރެއްވި ރައީސްގެ ގޮތުގަ އެވެ. އޭނާ އަވަހާރަވިއިރު އުމުރުފުޅަކީ 85 އަހަރެވެ.

ފެޑެރިކް ވިލެމް ޑީ ކްލާކް ދެކުނު އެފްރިކާގައި ވެރިކަން ކުރެއްވީ 1989- 1994 އަށެވެ. މި މުއްދަތުގައި އެންމެ ހާއްސަ ކަމަކަށް ދެކުނު އެފްރިކާގައި ހިނގައިދިޔަ ކަމަކީ ޒަމާންތަކެއް ވަންދެން އެ ގައުމުގައި އޮތް ނަސްލީ ތަފާތު ކުރުންތައް ނައްތާލަން ކުރެވުނު މަސައްކަތްތަކެވެ.

ދެކުނު އެފްރިކާގައި ދޮން ނަސްލުގެ މީހެއް ގޮތުގައި އެންމެ ފަހުން ވެރިކަން ކުރެއްވީ ވެސް އެފްޑަބްލިޔު ޑީ ކްލާކް އެވެ.

ނެލްސަން މަންޑޭލާ ޖަލުގައި ހުންނަވާތާ 27 އަހަރަށް ފަހު މިނިވަން ކުރެއްވުމަށް ފަހު އާންމުން އެދެމުންދިއަ ގޮތަށް ގައުމުގެ ވެރިކަން ޑީ ކްލާކް ބަދަލު ކޮށްލެއްވި އެވެ. އެއަށް ފަހު ދެކުނު އެފްރިކާގެ ރައީސްކަން މަންޑޭލާއަށް ލިބިވަޑައިގެންނެވި އެވެ.

ދެކުނު އެފްރިކާ ސުލްހަވެރި ކުރުމަށް ޑީ ކްލާކާއި މަންޑޭލާ ކުރެއްވި ބުރަ މަސައްކަތްތަކަށް ނޮބެލް ސުލްހައިގެ އިނާމު 1993 ގައި އެ ދެބޭފުޅުންނަށް ލިބިވަޑައިގެންނެވި އެވެ.