ދައުލަތުގެ ބަޖެޓް

ބަޖެޓުގެ ބަހުސްގެ ފުރަތަމަ މަރުހަލާ ނިންމާލައިފި

Nov 15, 2021

އަންނަ އަހަރަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގެ ބަހުސްގެ ފުރަތަމަ މަރުހަލާ ނިމިއްޖެ އެވެ.

މަޖިލީހުގެ ރިޔާސަތުން އެކަން ވަނީ މިއަދު އިއުލާނު ކޮށްފައެވެ. މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ނާއިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ ބަޖެޓު ދިރާސާ ކޮމިޓީގެ ރިޕޯޓްގެ ކުރީން ކުރިއަށް ކުރިއަށް ގެންދަން ޖެހޭ ބަޖެޓް ބަހުސް ނިމިފައިވާ ކަމަށެވެ.

ކޮމެޓީ ރިޕޯޓްގެ ކުރީން ބަހުސަށް އެދިފައިވަނީ 85 މެންބަރުންގެ ތެރެއިން 70 މެންބަރުންނެވެ. އެ ހުރިހާ މެންބަރުންނަށް ވަނީ ފުރުސަތު ދީފައެވެ. 70 މެންބަރުންގެ ބަހުސަށް 16 ގަޑިއިރާއި 12 މިނެޓް ވަނީ ހޭދަކޮށްފައެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ބަހުސްގައި މެމްބަރުން ވާހަކަ ދައްކަން ދެވޭ ފުރުސަތު ދިގުމިން ކަނޑައަޅަން ބޭއްވި ބައްދަލްވުމުގައި ނިންމާފައި އޮތީ ބަޖެޓަށް ބަހުސް ކުރުމަށް ކޮންމެ މެމްބަރަކަށް 15 މިނެޓު އަދި ބަޖެޓު ދިރާސާ ކޮމިޓީގެ ރިޕޯޓު ހުށަހެޅުމަށް އެ ރިޕޯޓުގެ ބަހުސް މަރުހަލާގައި ކޮންމެ މެމްބަރަކަށް އިތުރު ހަތް މިނެޓު ދިނުމަށެވެ. އެހެން ކަމުން ބަޖެޓްގެ ބަހުސަށް ކޮންމެ މެމްބަރަކަށް 22 މިނެޓް ލިބޭނެ އެވެ.

އަދި ބަޖެޓު ބަހުސްގެ މަރުހަލާގެ ތެރެއިން ބަޖެޓާ ބެހޭ ގޮތުން ޖަވާބުދާރީވެ، މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަން ފިނޭންސް މިނިސްޓަރަށް ޖުމްލަ 45 މިނެޓު އެރުވުމަށް ވެސް ކޮމިޓީން ވަނީ ނިންމާފަ އެވެ.