އެމްޑީޕީ

އެމްޑީޕީގެ އެކްޓިވިސްޓު ޝަތުފާއަށް ސިޔާސީ މަގާމެއް

އެމްޑީޕީގެ އެކްޓިވިސްޓް އައިމިނަތު ޝަތުފާ ސިޔާސީ މަގާމަކަށް އައްޔަން ކުރައްވައިފި އެވެ.

ޝަތުފާ އައްޔަން ކުރައްވައިފައި ވަނީ ހެލްތު މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށެވެ. އޭނާ އެ މަގާމަށް އައްޔަން ކުރައްވައިފައިި ވަނީ މިދިޔަ އާދީއްތަ ދުވަހުން ފެށިގެނެެވެ.

ޝަތުފާ މީގެ ކުރިން ހުންނެވީ މާލޭ ސިޓީ ކައުންސިލްގެ ޕަބްލިކް ރިލޭޝަންސް އޮފިސަރެއްގެ މަގާމުގަ އެވެ. ނަމަވެސް ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީ ބަލިވެ ޕީޕީއެމްގެ މެޖޯރިޓީ ކައުންސިލެއް އެކުލަވާލުމުން އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

ޝަތުފާ ސިޔާސީ މަގާމަކަަށް އައްޔަނު ކުރެއްވި އިރު މި ސަރުކާރުގެ ސިޔާސީ މަގާމުތައް އިންތިހާއަށް މައްޗަށް ގޮސްފައިވާތީ ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެެވެ.

މި ސަރުކާރުން ވެރިކަަމަށް އައި ފުރަތަމަ އަހަރު 689 ސިޔާސީ މަގާމު އުފައްދާފައި ވެއެވެ. އަދި އެ އަދަދު އިތުރު ކުރަމުން ގޮސް އަންނަ އަހަރު 1045 ސިޔާސީ މަގާމު އުފައްދާނެ އެވެ. އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި ސިޔާސީ މަގާމުތަކަށް 407 މިލިއަން ރުފިޔާ ކަނޑައަޅާފައި ވެއެވެ.