އަހުމަދު މަހްލޫފު

"ނައިފަރުގެ މަޝްރޫއު ހުއްޓުނީ ސަސްޕެންޝަނާ ހެދި"

ނައިފަރުގައި ޒުވާނުންގެ މަރުކަޒު އެޅުމުގެ މަޝްރޫއު ހުއްޓުނީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު މިނިސްޓަރުގެ މަސްއޫލިއްޔަތުން އެކަހެރިކޮށް ހުންނަވަން ޖެހުނު ދުވަސްތަކާ ގުޅިގެން ކަަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

މަހުލޫފު މިހެން ވިދާޅުވީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިއަދު މަޖިލީހުގައި ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ޝިޔާމް ވިދާޅުވީ ނައިފަރުގައި ޒުވާނުންގެ މަރުކަޒެއް ގާއިމުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެއް ކަމަށާއި ނަމަވެސް އޭގެ އެއްވެސް މަސައްކަތެއް މިހާތަނަށް ވެސް ފެށިފައި ނުވާ ކަމަށެވެ. އެހެންކަމުން އެ މަސައްކަތް ކުރިއަށް ނުދާ ސަބަބާއި އަދި އެ މަސައްކަތް ފެށޭނެ ތާރީހެއް ސާފުކުރަން ސުވާލުކުރެއްވި އެވެ.

ސުވާލަށް ޖަވާބު ދެއްވައި މަހުލޫފް ވިދާޅުވީ ރައީސް ސޯލިހުގެ ވައުދުފުޅުތައް ނުފުއްދައި ދޫކޮށް ނުލައްވާނެ ކަމަށެވެ.

މަހުލޫފް ވިދާޅުވީ ޒުވާނުންގެ މަރުކަޒުގެ ގޮތުގައި މަލްޓި ޕާޕޯސް އިންޑޯ ކޮމްޕްލެކްސްއެއް ގާއިމުކުރަން ރަށްރަށުން ބޭނުންވާތީ ނައިފަރުގައި ވެސް އެފަދަ ކޮމްޕްލެކްސްއެއް އަޅަން މަސައްކަތް ކުރެއްވި ކަމަށެވެ. ނަމަވެސް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިކޮށް ހުންނަވަން ޖެހުމުން އެ މަޝްރޫއު ކުރިއަށް ނުގެންދެވުނީ ކަމަށެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން މަހުލޫފުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް މައްސަލަ ފޮނުވުމާ ގުޅިގެން މިދިޔަ ޖޫން މަހުގެ ކުރީކޮޅުން ފެށިގެން އޮކްޓޫބަރު މަހު ކުރީ ކޮޅާ ހަމައަށް މަހުލޫފު ހުންނެވީ މަގާމުން އެކަހެރި ކުރައްވައިފަ އެވެ.

"އެހެންވީމާ އަޅުގަނޑަށް ގަބޫލުކުރެވެނީ އަޅުގަނޑުގެ މި ގެއްލިގެން ދިޔަ ހަތަރު މަސްތެރޭގައި އޭތި ގެއްލިގެން ދިޔައީ ކަަމަށް. އަޅުގަނޑު ހަމަ ވަރަށް އުއްމީދުކޮށްގެން ކުރި މަސައްކަތެއް ރަށްތަކެއް ހިމެނިގެން. އެހެންވީމާ އަޅުގަނޑު ދޭން ބޭނުންވާ ޔަގީންކަމަކީ އިއްޒަތްތެރި މެމްބަރަށް ވެސް އަދި ނައިފަރުގެ ޒުވާނުންނަށް ވެސް އިރާދަކުރެއްވިއްޔާ މި އަންނަ އަހަރުގެ ތެރޭގައި ޒުވާނުންނާ ގުޅޭ ރަނގަޅު ކޮންމެވެސް ކަމެއް މީގެ ތެރެއިން ފެށިގެންދާނެ ގޮތަށް އަޅުގަނޑުމެން މަސައްކަތް ކޮށްދޭނެ ކަމަށް،" މަހުލޫފް ވިދާޅުވި އެވެ.

ނައިފަރަކީ ގިނަ އަދަދެއްގެ ޒުވާނުން ހިމެނޭ ބޮޑު އާބާދީ އެއް އޮތް ރަށަކަށް ވާތީ އެކަމުގައި ކޮންމެވެސް ހައްލެއް ހޯއްދަވައި ދެއްވާނެ ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ.