އެމްޑަބްލިއުއެސްސީ

ގޯލްޑް 100 އެވޯޑު އެމްޑަބްލިޔުއެސްސީއަށް

ވިޔަފާރީގެ ދާއިރާއިން ރާއްޖޭގައި އެންމެ ކުރިއަރާފައިވާ 100 ކުންފުނި ފާހަގަކޮށް ކޯޕަރޭޓް މޯލްޑިވްސްއިން ދެމުގެންދާ "ގޯލްޑް 100" އެވޯޑް މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)އަށް ލިބިއްޖެ އެވެ.

މިއީ އެ އެވޯޑް އެމްޑަބްލިއުއެސްސީއަށް ލިބުނު ފަސް ވަަނަ ފަހަރެވެ.

ކްރޮސް ރޯޑުގައި ރޭ ބޭއްވި އެވޯޑް ދިނުމުގެ ރަސްމިއްޔާތެއްގައި އެމްޑަބްލިޔުއެސްސީގެ ފަރާތުން އެ އެވޯޑާ ހަވާލުވެލެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ.

އެމްޑަބްލިޔުއެސްސީއަށް ގޯލްޑް އެވޯޑް ލިބުނު އިރު އެ ކުންފުނިން ދަނީ ޒަމާނީ ޓެކްނޮލޮޖީއާއި ވަސީލަތްތައް ބޭނުންކޮށްގެން ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފެނާއި ނަރުދަމާއާ ގުޅުން ހުރި ހިދުމަތްތައް ދެމުން ނެވެ.

އެމްޑަބްލިއުއެސްސީން ދަނީ އިންޖީނިއަރިން އާއި މެނުފެކްޗަރިން އަދި ފެނާއި ނަރުދަމާއާ ބެހޭ މުދާ ފުޅާ ދާއިރާއެއްގައި ވިއްކަމުން ނެވެ. އަދި މަސްވެރިންނަށް އައިސް ވެސް ފޯރުކޮށް ދެއެވެ.

އޭގެ އިތުރުން ފުޅީގައި ބަންދުކޮށްފައިވާ ފެން އުފެއްދުމާއި، ފެނާއި ނަރުދަމާގެ މަސައްކަތްތަކާއި ފެން ވަޔަރިންއަށް ބޭނުންވާ ހޮޅި އުފެއްދުމާއި، ފެން އުފައްދާ އާރްއޯ ފްލާންޓު އަމިއްލައަށް ޑިޒައިންކޮށް ފެބްރިކޭޓް ކުރުމުގެ ގާބިލުކަންވެސް އެ ކުންފުންޏަށް ލިބިގެން ވެއެވެ.