ދުނިޔެ

ބެލަރޫސް-ޕޮލޭންޑް: ހިޖުރަވެރިން ކޭމްޕްތަކަށް

ޕޮލެންޑާއި ބެލަރޫސް ގުޅޭ ބޯޑަރު ސަރަހައްދުގައި ތިބި ހިޖުރަވެރިން އެ ސަރަހައްދޫ ދޫކޮށް ޖަންގަލިގައި ޖަހާފައި ހުރި ކޭމްޕްތަކަށް ހިނގައްޖެ އެވެ. އޭގެ ތެރެއިން ބައެއް މީހުން ލޮޖިސްޓިކް ސެންޓަރުތަކަށް ގޮސްފައިވާ ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.

ހިޖުރަވެރިން، ގާތްގަޑަކަށް 2،000 އެއްހާ މީހުން ކޭމްޕްތައް ދޫކޮށް ހޯމަ ދުވަހު ޕޮލޭންޑް ފަޅިން ޔޫރަޕަށް އެތެރެވާން ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފަ އެވެ. ޔޫރަޕުން ބުނާ ގޮތުން ހިޖުރަވެރިންގެ މި އަމަލަކީ ބެލަރުސްއިން ބުނެގެން ކުރި ކަމެކެވެ.

ޕޮލޭންޑަށް ހިޖުރަވެރިން ވަނަ ނުދިނުމަށް އެ ގައުމުގެ ފުލުހުން ޖަހާފައި ހުރި ހުރަސްތައް ހުރަސް ކުރަން މަސައްކަތްކުރި މީހުންނާ ދެކޮޅަށް ހާލަތާ ނުގޭ މިންވަރަށް ބާރުގެ ބޭނުން ވަނީ ކޮށްފަ އެވެ. އެހާ ފިނި ސަރަހައްދެގައި ވަންނާނެ ތަނެއް ނެތް އަންހެނުންނާއި ކުޑަކުދިންގެ ގަޔަށް ޕްރެޝަރުގައި ފެންޖެހުމުގެ ސަބަބުން އެކިވަރުގެ އަނިޔާ ވަނީ ލިބިފަ އެވެ.

ބެލަރޫސްގެ ރައީސް އެލެގްޒެންޑަރު ލުކަޝެންކޯ ވަނީ ހިޖުރަވެރިން ރޭގަނޑު ހޭދަ ކުރާނެ ސަރަހައްދެއް ތައްޔާރު ކުރުމަށް ގްރޮޑްނޯ ގަވަރުނަރުގެ އޮފީހަށް އަންގަވާފަ އެވެ. ބެލަރޫސްގެ ހެލްތު މިނިސްޓްރީން ބުނީ ހިޖުރަވެރިން ގާއިމުވާ ސަރަހައްދުތަކަށް މެޑިކަލް ޓީމުތައް ފޮނުވާފައިވާ ކަމަށެވެ.

ބެލަރޫސްގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އަނަޓޮލީ ގްލޭޒް ވިދާޅުވި ގޮތުގައި ޕޮލޭންޑަކީ ކަންތައް ބޮޑުކުރާ ބައެެކެވެ. މެދުވެރި ވެފައި ނެތް ކަމެއްގެ ވާހަކަ ދައްކައި ބޯޑަރުގެ ހާދިސާތައް އިންތިހާއަށް ހޫނު ކުރަން އެމީހުން މަސައްކަތްކުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިރާގުގެ ހާރިޖީ ވުޒާރާގެ މަސްދަރުތަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓްކުރާ ގޮތުގައި، ބޯޑަރު ސަރަހައްދުގައި ތިބި ހިޖުރަވެރިންގެ ތެރެއިން 170 ހިޖުރަވެރިން ވަނީ އެނބުރި އިރާގަށް ދިއުމަށް ބެލަރޫސްގެ ވެރިރަށް މިންސްކްގައި ހުންނަ އިރާގުގެ އެމްބަސީއަށް ހުށަހަޅާފަ އެވެ.